07 އެޕްރީލް 2017 - 06:49

ގަޑިއަކަށް ތަނަކަށް ދާންޖެހޭ ނަމަ ދުވަހަކުވެސް ގަޑި ނުޖެހޭ މީހުން އުޅޭ ފަދައިން އަނެއްބަޔަކު އެއީ އަބަދުވެސް ގަޑިޖެހޭ މީހުންނެވެ. ގަޑިޖެހި ވިއްސަކަށް މިނެޓް ވިޔަސް އެ މީހުންނަށް އެއީ އެހާ ބޮޑު ކަމަކަށް ނުވެ އެވެ.
"ހިއުމަން ބިހޭވިއާ" އާ ބެހޭ ގޮތުން ލިޔުއްވާ ތަޖުރިބާކާރު ލެކްޗަރާއެއް ކަމަށްވާ އެލްފީ ކޯން ސައިކޮލޮޖީ ޓުޑޭގައި ލިޔުއްވާފައިވާ ގޮތުގައި ގަޑިޖެހުމަކީ ބައެއް މީހުންގެ އާދަޔަކަށް ވަނީ އެ މީހުންގެ ކަންނެތްކަމާއި ކަންކަމާ އަޅާލުން ކުޑަވުމުން ކަމަށް ބުންޏަސް އެއީ އަސްލު ސަބަބަށް ނުވެދާނެ އެވެ.
އޭނާ ވިދާޅުވަނީ ގަޑިޖެހިގެން އަންނަ މީހާ އެ ތަނަކަށް ވަންނައިރު އެންމެންގެ ސަމާލުކަން އެ މީހަކަށް ލިބޭ ކަމަށާއި ބައެއް މީހުން އެފަދަ ސަމާލުކަން ބޭނުންވާ ކަމަށެވެ. އެ ސަމާލުކަމުން އެ މީހުންނަށް ހިތްހަމަޖެހުން ލިބޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން އެހެން ބަޔަކު ތިމާގެ އިންތިޒާރުގައި ތިބޭނެކަން އެނގުމަކީ ވެސް ބައެއް މީހުންނަށް ލިބޭ ހިތްހަޖެހުމެއް ކަމަށާއި އެއީ ވެސް ބައެއް މީހުން ގަޑިޖެހޭ ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް ކޯން ގަބޫލުކުރައްވަ އެވެ.
އެކަމަކު ގަޑިޖެހިގެން މާބޮޑަށް ލަސްވާ މީހުންނަކީ މި ވިސްނުން ހުންނަ މީހުންނަށް ނުވާނެކަން އޭނާ ފާހަގަކުރައްވަ އެވެ. ފްލައިޓް މިސްވުމާއި ބައްދަލުވުންތަކަށް ނުދެވުން ފަދަ ކަންކަން ގަޑިޖެހުމުގެ ސަބަބުން ދިމާވާ ނަމަ އެއީ އެހެން މައްސަލައެއް ހުންނަ މީހުން ކަމަށް ކޯން ވިދާޅުވެފައިވެ އެވެ. ވަކި ވަގުތަކަށް ތަނަކަށް ދާންޖެހޭ ނަމަ ބައެއް މީހުން އިރުއިރުކޮޅަކާ ގަޑިއަށް ބެލި ނަމަވެސް ބައެއް މީހުންނަކީ އެ ކުރާ ކަމަކަށް ހުސްވެ، ގަޑިއަށް ބަލައިލަން ވެސް ހަނދާން ނުހުންނަ މީހުން ކަމަށް ކޯން ވިދާޅުވި އެވެ.
"އެއީ އެ ކުރާ ކަމަކަށް ގޮސް ގެއްލޭ މީހުން. ގަޑިން ވީ ކިހާ އިރެއްކަން އެ މީހުންނަށް އެނގެނީ މާބޮޑަށް ލަސްވާ ފަހުން،" ކޯން ވިދާޅުވި އެވެ.
ގަޑިއަށް ނުބެލި ނަމަވެސް ވަގުތު އަންދާޒާކުރުމުގައި ބައެއް މީހުންގެ ސިކުނޑި ވަރަށް ބަރާބަރު ކަމަށާއި އަނެއް ބަޔަކަށް އެއީ އެހާ ފަސޭހަ ކަމަކަށް ނުވާކަން ދިރާސާތަކުން ހާމަވެ އެވެ.