06 އެޕްރީލް 2017 - 06:32

މިއީ އަލްކަޓޭލް "ފްލޭޝް" އެވެ. ވިދުވަރެއްހާ ދުވެލި ބާރު ސްމާޓްފޯނެކެވެ. އެކަމަކު އެ ގޮތަށް ކިޔާފައި ހުންނަ ނަންނަމަށް ބަރޯސާކޮށް ގަންނަ ތަކެތީގައި އެ ފެންވަރެއް ނުހުރެވެ. އެކަމަކުވެސް، މި ފޯނުގައި އިން ހަތަރު ކެމެރާއްގެ ސަބަބުން މި ފޯނަށް "ފްލޭޝް" ކިޔަނީ އެވެ.
ފްލޭޝް މަރުކާގެ ފޯނުތަައް އަލްކަޓޭލުން އުފައްދަ އެވެ. އެއިން އެއްވެސް ފޯނެއްގައި ހަތަރު ކެމެރާއެއް ނުއިނދެ އެވެ. މިއީ އަލްކަޓޭލް ފްލޭޝް މަރުކާގެ ފޯނެއްގައި ހަތަރު ކެމެރާ އެޅުވި ފުރަތަމަ ފަހަރެވެ.
ސްމާޓްފޯނު މާކެޓްގައި އެންމެ އާންމީ ދެ ކެމެރާ ފޯނެވެ. ފަހަކަށް އައިސް، ފަހަތުގައި ދެ ކެމެރާ، ކުރިމަތީގައި ކެމެރާއެއް އިންނަ ފޯނުތައް މާކެޓުގައި އަންބާކިޔާފައި ވެ އެވެ. އެލްޖީ، ވާވޭ އަދި އޮޕޯ ވެސް މި އަންބާގައި ބައިވެރިވި އެވެ.
އަލްކަޓޭލް ޕްލޭޝްގެ ފަހަތުގައި ދެ ކެމެރާ އެވެ. ކުރިމަތީގައި ވެސް ދެ ކެމެރާ އެވެ. "އިންޓާނަލް ސްޓޯރޭޖް" 32ޖީބީ އެވެ. ފިންގާޕްރިންޓް ސްކޭނާއަކާއި، 3ޖީބީ ރޭމް އެވެ. ބާރުގަދަ ބެޓެރީ އެވެ. ފޯނުގައި 5.5 އިންޗި "ހައިޑެފިނީޝަން" ސްކްރީނެކެވެ. މި ހުރިހާ ހާޑްވެއާއެއް މައިތިރިކޮށް މޮޅަށް ކުޅުވަން 3،100އެމްއޭއެޗް ބެޓެރީއެކެވެ.
ފޯނުގެ ފަހަތުގައި 13މެގަޕިކްސެލް ދެ ކެމެރާ އެވެ. ކުރިމަތީގައި، 8މެގަޕިކްސެލް ކެމެރާއަކާއި، 5މެގަޕިކްސެލް ކެމެރާއެކެވެ.
އަލްކަޓޭލް ޕްލޭޝްއާ ބެހޭ ގޮތުން މި ވަރުން ޖެހެނީ ހަމަޖައްސާލާށެވެ. ފްލޭޝްއާ ބެހޭ ގޮތުން އަލްކަޓޭލުން މާ ގިނަ އެއްޗެއް ހާމައެއް ނުކުރެވެ. މި ބުނީ ފޯނުގެ އަގު ވެސް އަދި ހާމަނުކުރާ ވާހަކަ އެވެ. ހަތަކު ކެމެރާ އިނަސް، މި ފޯނު ހޯދަން ވާނީ އަގަށް ބަލާފަ އެވެ.