05 އެޕްރީލް 2017 - 16:35

ރާޖަސްތާން (އެޕްރީލް 5) - ވެހިކަލްތަކަކަށް ގެރިތަކެއް އަރުވައިގެން ދަތުރުކޮށްފައި ދިޔަ މުސްލިމަކަށް ބަޔަކު ހަމަލާދީ މަރާލި މައްސަލަ އިންޑިއާގެ އުތުރުގެ ރާޖަސްތާން ސްޓޭޓުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި ހާދިސާގައި ޒަޚަމްވި ފަސް މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ. ފުލުހުންގެ ސީނިއާ އޮފިޝަލް ޕަރުމާލް ގުރްޖާރު ވިދާޅުވީ ޕެހްލޫން ޚާން، 55، ރޭ މަރުވީ އޭނާ އަށް ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ދެ ދުވަސް ފަހުން ކަމަށެވެ. އަދި ވީޑިއޯ ފުޓޭޖް ބަލައިގެން، ހަމަލާ ދިން މީހުން ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚާންގެ ބޭބެ ބުނީ ޚާންއަކީ ގެރިކަތިލާ މީހެއް ނޫން ކަމަށާއި އެއީ ގެރި ގެންގުޅޭ މީހެއް ކަމަށެވެ.
ފުލުހުން މިހާރު ވަނީ ތިން ވެހިކަލް ހިފަހައްޓައިފަ އެވެ. އަދި ގަވާއިދާޚިލާފަށް ގެރި ގެންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާގެ ވެރިކަމަށް ބާރަތިޔާ ޖަނަތާ ޕާޓީ، 2014 ވަނަ އަހަރު އައި ފަހުން އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ގެރި ކަތިލުން ވަނީ މަނާކޮށްފަ އެވެ. ހުޅަނގުގެ ގުޖުރާތު ސްޓޭޓުގައި މިދިޔަ މަހު ވަނީ ގެރިކަތިލާ މީހުން އުމުރަށް ޖަލަށްލުމަށް ފާސްކޮށްފަ އެވެ.
ގެރިއަކީ އިންޑިއާގެ ހިންދޫން ވަރަށް އިހުތިރާމްކުރާ ޖަނަވާރެކެވެ. އެ ގައުމުގެ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނެވެ.