ޑަޔަލިލިސް ހެދުން ނިމުމަކަށް އައުމުގެ އުންމީދު އާވެއްޖެ
ޑަޔަލިލިސް ހެދުން ނިމުމަކަށް އައުމުގެ އުންމީދު އާވެއްޖެ

ބަލިތަކަށް ފަރުވާ ހޯދަން ކުރާ ބޭހުން ނަތީޖާ ނުފެންނަ ބައެއް ހާލަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭ ފަހަރުވެސް އާދެ އެވެ. ކިޑްނީގެ ބަލިތަކާ ގުޅިގެން ހަދާ ޑަޔަލިސިސް އަކީ ވެސް މިފަދަ ކަމެކެވެ. ކިޑްނީ މައްސަލަ ޖެހިފައިވާ ނުވަތަ ފޭލްވެފައިވާ މީހަކަށް ޑަޔަލިސިސްއާ ނުލައި ދިރިއެއް ނޫޅެވެ އެވެ. އެކަމަކު އެއީ ވޭން ހުރި ކަމެކެވެ.

ހައްލަކީ ކިޑްނީ ބަދަލުކުރުމެވެ. އެކަމަކު ކިޑްނީއަކަށް ކުރަންޖެހޭ އިންތިޒާރާއި ކިޑްނީއެއް ލިބުނަސް އެ ކިޑްނީ ލައްވައިގެން އުފުލަންޖެހޭ ވޭންތައް ވެސް ކުޑައެއް ނޫނެވެ. ކިޑްނީ ބައްޔަށް ޑަޔަލިލިސް ހެދުމާއި ކިޑްނީ ބަދަލުކުރުން ނޫން އެހެން ފަރުވާއެއް މިހާތަނަށް އީޖާދު ކުރެވިފައެއް ނުވެ އެވެ.

ނަމަވެސް އުންމީދީ އީޖާދެއް ކޮށްފި އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯގެ ޔުނިވަސިޓީ އޮފް ކެލިފޯނިޔާގެ ސައިންސްވެރިން ބައޮނިކް ކިޑްނީއެއް އުފެއްދުމުގައި ވަނީ ކާމިޔާބު ހޯދާފަ އެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ހޯދުމެއް ހޯދުނު ފުރަތަމަ ފަހަރެވެ. ހަލާކުވެފައިވާ ކިޑްނީގެ ބަދަލުގައި މި ބައޮނިކް ކިޑްނީ ފަސޭހައިން އަދި ޔަގީންކަމާ އެކު ބަދަލުކޮށްލެވޭނެ އެވެ.

މެޑިކަލް އޮންލައިންގައިވާ ގޮތުން ބައޮނިކް ކިޑްނީ އަކީ އަހަރެމެންގެ ކިޑްނީގެ މަސައްކަތްތައް ހިނގާ ގޮތަށް ހިނގާ އެއާ ދާދި އެއްގޮތަކަށް މަސައްކަތްކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މައިކްރޮޗިޕްސް ހުރެ އެވެ. އަދި މީތި ހަރަކާތްކުރަނީ ހިތާ އެކުގަ އެވެ. ބަލި ނުޖެހި ހުންނަ ކިޑްނީ ފަދައިން މި ބައޮނިކް ކިޑްނީން ވެސް ލޭގެ ތެރޭގައި ދައުރުވަމުންދާ ވިހަ އަދި ބޭކާރު ބައިތައް ވަކިކޮށް ބޭރުކޮށްލަދޭނެ އެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ވިލިއަމް ވެންޑަބިލްޓް ފިސެލްސް އަދި ޝޫވޯ ރޯއީ ހާމަކުރި މި ޕްރޮޖެކްޓަކީ ކިޑްނީ މައްސަލަ ޖެހިގެން ޑަޔަލިސިސް ހަދަމުންދާ އެތައް މިލިއަން މީހުންނަކަށް ލިބުނު އުންމީދެކެވެ.

މި ބައޮނިކް ކިޑްނީ ލެއްވުމުން ހަށިގަނޑުން މި ގަބޫލު ނުކޮށްފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ސައިންސްވެރިން އަހަރެމެންނަށް ޔަގީންކޮށްދެނީ އެފަދަ ފުރުސަތެއް އޮތުމުގެ ސުން ޕަސެންޓް ޗާންސް ވެސް ނެތް ކަމަށެވެ.

އެހެން ދިމާވަނީ ބައޮނިކް ކިޑްނީ އަކީ ރީނަލް ސެލްސް އިން އުފައްދާފައިވާ އެއްޗަކަށް ވާތީ އެވެ. މީގެ ފުރަތަމަ ޕްރޮޓޯޓައިޕްގެ ބޮޑުމިނަކީ އާދައިގެ ޖޯޑެއްގެ ބޮޑުމިނެވެ. މިއިން ހަށިގަނޑުގައިވާ ސޯޑިއަމް އާއި ޕޮޓޭސިއަމް ލެވެލް ބެލެންސް ކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ވެސް ހަމަޔަކަށް އަޅުވައިދޭނެ އެވެ.

މި ބައޮނިކް ކިޑްނީ އާ މެދު ސައިންސްވެރިން ކުރާ އުންމީދުތައް ހުރީ ވަރަށް މަތީގަ އެވެ. އަދި މި ރިސާޗްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވިކްޓާ ގުރާ ވިދާޅުވީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ޑިވައިސް ބަލި މީހުންނާ ހަމައަށް ފޯރާވަރު ވާނެ ކަމަށެވެ.