އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ޣައްޒާގައި ދިން ބަޑީގެ ހަމަލާއެއްގައި ސިފައިންގެ މީހަކު ޒަހަމްކޮށްލި ކަމަށް ބުނެ އިޒްރޭލުން ބޮން އަޅައި ޣައްޒާގެ 21 މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.
އެމެރިކާއިން ހުށަހެޅި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ތަންފީޒުކުރަން މިދިޔަ މަހު ފަށާފައި ވިޔަސް ޣައްޒާގައި ހަމަލާ ދިނުން އާންމެވެ. އިޒްރޭލާއި ހަމާސް އިން ގެންދަނީ އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
އިޒްރޭލުން މިއަދު ބޮން އަޅާފައި މި ވަނީ އެތައް މަހެއް ފަހުން ޣައްޒާގެ ރަފަހް ބޯޑަރު މި ހަފްތާގައި ހުޅުވާލާފައި ވަނިކޮށެވެ. މިއީ އިޒްރޭލު ތެރެއަށް ނުވަދެ ޣައްޒާގެ ރައްޔިތުންނަށް އެތަނުން ބޭރަށް ދެވެން އޮންނަ ހަމައެކަނި ބޯޑަރެވެ.
ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅާފައިވާ ކަމަށާއި މި ހަމަލާތަކުގައި 21 މީހަކު ޝަހީދުވެފައި ވާއިރު 38 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

ޣައްޒާގައި މިއަދު ދިން ހަމަލާގައި ޝަހީދުވި ބައެއްގެ ކަށުނަމާދު ކުރަނީ. -- ފޮޓޯ: ޢޭއެފްޕީ
"އަހަރެމެންގެ ބޮލަށް ބަޑީގެ އުންޑަތައް ފައިބަން ފެށި އިރު ތިބީ ނިދަން،" ހަމަލާގައި ދަރިއަކު ޝަހީދުވުމުގެ ހިތާމާގައި ހުރި އަބޫ މުހައްމަދު ހަބޫޝް އޭއެފްޕީ އަށް ބުންޏެވެ.
"ތުއްތު ކުދިން ވަނީ ޝަހީދުވެފައި. ފިރިހެން ދަރިފުޅާއި ބޮޑުބޭބެކިޔާ ކުއްޔަކު ޝަހީދުވި. އެތައް ޒުވާނުންނެއް އެ ދިޔައީ ގެއްލިގެން،" އެ މީހުންނަކީ އިޒްރޭލު ސިފައިން ތިބޭ ރީނދޫ ރޮނގާ ވަރަށް ދުރުގައި އުޅޭ ބައެއްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
މި އަނިޔާވެރި ހަމަލާތަކުގެ ދިފާއުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިކަން ކުރަން ޖެހުނީ "ޓެރަރިސްޓުން ސިފައިންނަށް ހަމަލާ ދިނުމުން" ކަމަށެވެ. މި ހަމަލާގައި ސިފައިންގެ މީހަކު ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށާއި މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފް އަމަލެއް ކަމަށް އިޒްރޭލުން ބުންޏެވެ.

ޣައްޒާގައި މިއަދު ޝަހީދުކޮށްލި މީހެއްގެ ހަށިގަނޑު ވަޅުލަން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައި ވިޔަސް އެކި އުޒުރުތައް
ދެއްކުމަށް ފަހު އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުން އާންމެވެ. މިދިޔަ
އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ފަހު
މިހާތަނަށް މިފަދަ ހަމަލާތަކުގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު ވެސް މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއިން ހަމަލާދީ 1،221 މީހަކު
މަރާލުމުން އެކަމުގެ ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި
ހަމަލާތައް ދެ އަހަރަށް ފަހު މަޑުޖައްސާލި އިރު ޣައްޒާއިން 71،769 މީހަކު
ވަނީ ޝަހީދުކޮށްލައިފަ އެވެ.