ދުނިޔޭގައި މިހާރު ތަރައްގީވެފައިވާ ޓެކްނޮލޮޖީއާ އެކު ހަނދަށް ވެސް ދެވިދާނެ ކަމަށާއި އެކަމަކު ނުކުރެވޭ ކަމަކީ ފަލަސްތީނާއި ޔޫކްރޭނާއި ސޫދާނުގައި މީހުން މެރުން ހުއްޓުވުންކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މިރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ވާހަކަ ދެއްކީ އިޖުތިމާއީ އަދުލް އިންސާފާ ގުޅޭ ގޮތުންނެވެ. ޕްރެސް ކޮންފަރެންސްގައި އޭނާގެ ފަރާތުން ފެނުނީ އެ މައްސަލަތަކާ މެދު ކަންބޮޑުވެ ޖަޒުބާތުގެ އަސަރެވެ.
މިދިޔަ މަހު އެމެރިކާގެ އިމްގިރޭޝަނުން ހިންގި އޮޕރޭޝަނެއްގައި އެ ގައުމުގައި މަސައްކަތް ކުރާ ނަރުހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ. އަދި މިދިޔަ މަހު ކުރީކޮޅު އަންހެނެއްގެ ގަޔަށް ވެސް ބަޑިޖަހައި މަރާލި އެވެ. އެ ދެ ހަމަލާ ވެސް ދިނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ.
އެ މައްސަލައިގައި ގާޑިއޯލާ ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. އެކަން ދިފާއު ކުރެވޭނެ އެއްގޮތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
"ހިޔާލަށް ގެނޭ އެންއެޗްއެސް [އިނގިރޭސިވިލާތުގެ ސިއްހީ އިދާރާ] ގައި މަސައްކަތް ކުރާ ނަރުހެއް. ހަ މީހުން އޭނާގެ ފަހަތުން ގޮސް ބަޑިޖަހައި މަރާލަނީ،" އެމެރިކާގެ ސިއްހީ އިދާރާގައި މަސައްކަތް ކުރާ ފިރިހެން ނަރުހެއް ކަމަށްވާ އެލެކްސް ޕްރެޓީގެ ގަޔަށް އެ ގައުމުގެ އިމްގްރޭޝަންގެ އޮފިޝަލުން ބަޑިޖަހައި މަރާލި ހާދިސާ އަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ.
"އަހަންނަށް ބުނެދީ އެކަން ކިހިނެއްތް ދިފާއު ކުރާނީ؟"
ގާޑިއޯލާ ބުނީ އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރަން އަބަދުވެސް އޭނާ އެންމެ ކުރިއަށް ނުކުންނާނެ ކަމަށެވެ.
"ފުރިހަމަ އެއްވެސް މުޖުތަމައެއް ނެތް. އެއްވެސް ތަނެއް ފުރިހަމައެއް ނޫން، އަހަރެން ފުރިހަމައެއް ނޫން، އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ ރަނގަޅުވާން. އެކަން ދިފާއު ކުރެވޭނީ ކާކަށް؟. އަހަރެން އަބަދުވެސް ހުންނާނީ އެކަންކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ މިހާރު ދުނިޔޭގައި އޮތް ޓެކޮނޮލޮޖީ އަކީ މީގެ ކުރިން އެއްވެސް ޒަމާނެއްގައި ވެސް ނުދެކޭހާ ބޮޑެތި ކުރިއެރުންތަކެއް ކަމަށެވެ. އެކަމަކު ނުކުރެވޭ ކަމަކީ އެއް އިންސާނުން އަނެއް އިންސާނުން މެރުން ހުއްޓުވުން ކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ.
"އެ ޓެކްޮނޮލިޖީގައި އަހަރެމެންނަށް ހަނދަށް ވާސިލުވެވިދާނެ، ހުރިހާ ކަމެއް ކުރެވޭނެ. އެކަމަކު އަދިވެސް މިވަގުތު ވެސް، އަހަރެމެން އެކަކު އަނެކަކު މަރާލަނީ،" އޭނާ ބުންޏެވެ.
"އެ މަންޒަރުތައް ފެނުމުން ހިތާމަކުރަން. ހިތައް ތަދުވޭ. އަހަންނަށް ތަދުވޭ. އެހެންވެ ރަނގަޅު މުޖުތަމައަކަށް ވުމަށް [ވާހަކަ ދައްކައިގެން] އެހީތެރިވެދެވޭ ކޮންމެ ތަނެއްގައި ވެސް އަހަރެން މަސައްކަތް ކުރާނަން އަދި ދެމިހުންނާނަން."
ގާޑިއޯލާ ބުނީ އެ ޓެކްނޮލޮޖީގެ އެހީގައި އިންސާނިީ ތާރީހުގައި ވެސް މިހާރަށް ވުރެ ސާފުކޮށް ދުނިޔޭގައި ހިންގާކަންކަން ފެނުނު އެހެން ދުވަސްވރެއް ނެތް ކަމަށެވެ.
“ފަލަސްތީނުގައި ހިނގާ ނަސްލު ނައްތާލުމުގެ ހާދިސާ، ޔޫކްރޭންގައި ހިނގި ކަންތައްތައް، މުޅި ދުނިޔޭގައި ހިނގި ކަންތައްތައް – ސޫދާނުގައި، ހުރިހާ ތަނެއްގައި."