މާޒިޔާ ކީޕަރު ޓީމުގެ ކިބައިން މައާފަށް އެދެފި
މާޒިޔާ ކީޕަރު ޓީމުގެ ކިބައިން މައާފަށް އެދެފި

އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން މާޒިޔާ 1-0 އިން ބަލިވި މެޗުގެ ފަހު ވަގުތު ލަނޑު ވަނީ އޭނާ އަތުން ހެދުނު ގޯހަކުން ކަަމަށާއި އެކަމަށް މައާފަށް އެެދޭ ކަމަށް މާޒިޔާގެ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް ބުނެފި އެވެ.

މި މެޗުގައި ބެންގަލޫރުން ލަނޑު ޖެހީ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ. މާޒިޔާ ހާފްގެ ތެރެއިން ލިބުނު ހިލޭ ޖެހުން ބެންގަލޫރުގެ ގޯލްކީޕަރު އޭރިއާ ތެރެއަށް ހުރަސްކުރުމުން އެ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ޕަވެލް އަތުން ދޫވީ އެވެ. ދެން އެ ބޯޅަ ލިބުނީ ބެންގަލޫރުގެ ސާބިއާ ފޯވާޑް މަރްޔާން ޖުގޮވިޗަށެވެ. އޭނާ މަތިން ފޮނުވާލި ބޯޅަ ޖޯން ޖޯންސަން ގޯލުގެ ތެރެއަށް ވައްދާލީ ގޯލު ރޮނގުމަތިން ބޮލުން ޖަހަ އެވެ.

"އަހަރެން ބޭނުން ޓީމުގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. އިއްޔެގެ މެޗުގައި ގޯލު ވަނީ އަހަރެންގެ މިސްޓޭކުން. މި ފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށް އަހަންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" ކިރްގިސްތާން ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޕަވެލް އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

މިއީ މި ސީޒަނުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. ފަހު ވަގުތު ބަލިވުމުން މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވެސް ހުރީ ބަސް ހުއްޓިފަ އެވެ. އެހެން ނަމަވެސް އޭނާ ބުނީ ދެކެނީ މިއީ ފިލާވަޅެއްގެ ގޮތުގައި ކަމަށެވެ.

އިއްޔެގެ މެޗުގެ ކުރިން މާޒިޔާ މި ސީޒަނުގައި ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމުން މޮޅުވީ ބައިކޮޅަށް ލަނޑެއް ވަނަނުދީ އެވެ. ޕަވެލް ކޮޅަށް އިއްޔެގެ މެޗުގައި ލަނޑެއް ވަންއިރު މިއީ 360 މިނިޓް ތެރޭގައި އޭނާ ހުރި ގޯލަށް ވަން ހަމައެކަނި ލަނޑެވެ.

މިއީ ޕަވެލް މާޒިޔާ އަށް ކުޅޭ ދެ ވަނަ ފަހަރެވެ. އޭނާ ވަނީ 2015 ވަނަ އަހަރު މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕް ހޯދައިދިނުމަށް އެހީތެރިވެފަ އެވެ. އެ ސީޒަނުގައި މާޒިޔާ އިން ޕަވެލް ގެނައީ އޭރު އެ ޓީމުގެ ކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާ އަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.