06 އެޕްރީލް 2017 - 06:23

"ސްޕައިޑަމޭން" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު، ޓޮބީ މެގްއާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 41 އަހަރުގެ އެކްޓަރުގެ ފުރަތަމަ ޑައިރެކްޝަނަކީ ނޯވޭގެ ލިޔުންތެރިޔާ ޖޯ ނެސްބޯގެ ވާހަކަ "ބްލަޑް އޮން ސްނޯ" އަށް ބިނާކޮށްގެން ހަދާ ފިލްމެކެވެ. މިއީ ތުރިލާއެކެވެ.
މީގައި ކިޔައިދެނީ ބޮސްގެ އަނބިމީހާ ދެކެ ލޯބިވެގެން އުޅެނިކޮށް، ފައިސާ އަށް އޭނާ މަރާލަން ޖެހުމުން ދިމާވާ ސިއްރުން ފުރިގެންވާ ހާދިސާތަކެވެ.
އެ ވާހަކަ އަށް ފިލްމެއް ހެދުމަށް ޓޮބީގެ ޕްރޮޑަކްޝަން ހައުސް މެޓީރިއަލް އާއި ލޯރަންސް ގްރޭގެ ގްރޭ މެޓާ ޕްރޮޑަކްޝަނުން ވަނީ "ބްލަޑް އޮން ސްނޯ" ގެ ރައިޓްސް 2015 ވަނަ އަހަރު ގަނެފަ އެވެ.
މި އަށް ފިލްމެއް ހަދާ އިރު، އޭގެ ސްކްރީންޕްލޭ ވެސް ލިޔަނީ ވާހަކަ ލިޔުނު ޖޯ އެވެ.
މި ފިލްމުން ޓޮބީ ޑައިރެކްޝަނަށް ނިކުންނަ އިރު، ކެމެރާގެ ކުރިމަތީގައި އޭނާ ދައްކާ ހުނަރު ކެމެރާގެ ފަހަތުގައި ކިހާ ވަރަކަށް ދައްކައި ލެވިދާނެތޯ މިއީ މިހާރު ގިނަ ބަޔަކު އެންމެ ޝައުގުވެރިކަމާ އެކު ބަލަން ބޭނުންވާ ކަންތަކެވެ.
"ބްލަޑް އޮން ސްނޯ" އޭނާ ޓޮބީ ނިންމިކަން އިއުލާން ކުރި ނަމަވެސް، ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި މި ފިލްމް ރިލީޒް ކުރާނެ ތާރީހެއް ވެސް ނުނިންމަ އެވެ.