މުޅި ދުނިޔެ އަށް މަޝްހޫރު އޯޕަންވޯޓާ
ސްވިމިން ފްރެންޗައިސް 'އޯޝަންމޭން ގްލޯބަލް' ގެ ރާއްޖޭގެ އިވެންޓް ކަމަށްވާ
'އޯޝަންމޭން މޯލްޑިވްސް' ގައި މިހާތަނަށް ބޭރުގެ 234 ފެތުންތެރިން ރަޖިސްޓާކުރުމާ
އެކު، މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މުބާރާތަށް
ވެއްޖެ އެވެ.
އެތުލީޓުން/ ކުޅުންތެރިންގެ އަދަދަށް
ބަލާއިރު މީގެ ކުރިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު
މާލެ އާއި އައްޑޫގައި އޮތް އޭއެފްސީ ޗެލެންޖް ކަޕެވެ. ބޭރުގެ ހަތް ޓީމު ވާދަކުރި
އެ މުބާރާތުގައި ހިމެނޭ ޓީމުތަކުގެ ކުޅުންތެރިންގެ އަދަދަށް ވުރެ، އޯޝަންމޭން
މޯލްޑިވްސްގެ ބައިވެރިންގެ އަދަދު މިހާރު ވަނީ ގިނަ ވެފަ އެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އޯޕަންވޯޓާ
ފްރެންޗައިސްގެ ރާއްޖޭގެ އިވެންޓް އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހު ކ.
މާފުށީގަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މި މުބާރާތް
އިންތިޒާމްކުރަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސްވިމް މޯލްޑިވްސް އިންނެވެ.
އޯޝަންމޭން މޯލްޑިވްސްގައި ބައިވެރިވުމުގެ
ފުރުސަތު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލުމުން މިހާތަނަށް ޖުމްލަ ބައިވެރިވެފައިވަނީ 301 ފެތުންތެރިންނެވެ. އޭގެ
ތެރެއިން ދިވެހި ފެތުންތެރިންގެ އަދަދަކީ 67 އެވެ.
މުބާރާތަށް ކަނޑައެޅި ސްލޮޓުގެ ތެރެއިން 60.2
ޕަސެންޓް މިހާރު ވަނީ ފުރިފަ އެވެ. މުބާރާތުގައި ހުޅުވާލަނީ 501 ޖާގަ އެވެ. އެހެންކަމުން
އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
ކެޓަގަރީތަކުގައި ބައިވެރިވި ފެތުންތެރިން
- 10 ކިލޯމީޓަރު: 38 ފެތުންތެރިން
- 5 ކިލޯމީޓަރު: 105 ފެތުންތެރިން
- 2 ކިލޯމީޓަރު: 94 ފެތުންތެރިން
- 2 ކިލޯމީޓަރު ފިންސް: 7 ފެތުންތެރިން
- އޯޝަންކިޑްސް: 39 ފެތުންތެރިން
- އޯޝަންޓީމްސް: 18 ފެތުންތެރިން (6 ޓީމު)
ރާއްޖޭން ބޭރުގެ 234 ފެތުންތެރިންގެ ތެރޭގައި
30 ގައުމެއްގެ ބައިވެރިން ހިމެނެ އެވެ. އެންމެ ގިނައީ މެލޭޝިއާ އާއި ރަޝިއާ އެވެ.
ކޮންމެ ގައުމަކުން 38 ފެތުންތެރިން ބައިވެރިވި އެވެ. ދެން އެންމެ ގިނައީ 31
ފެތުންތެރިން ބައިވެރިވާ، އިންޑޮނީޝިއާ އާއި އިންޑިއާ އެވެ. ތައިލެންޑުން 20 ފެތުންތެރިން
ބައިވެރިވި އެވެ.
މި އިވެންޓުގެ ކޮންމެ އުމުރުފުރާއަކުން
އެންމެ މޮޅު 10 ފެތުންތެރިންނަށް އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ
އެވެ. އެއީ ހަމައެކަނި ކޮލިފައިވެގެން ބައިވެރިވެވޭ ގޮތަށް އަހަރަކު އެއް ފަހަރު
ބާއްވާ މުބާރާތެކެވެ. އަދި މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިންނާއި، ކޮންމެ
އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިންނަށް މެޑެއްޔާއި، ޓްރޮފީ ވެސް ދޭނެ
އެވެ. ލިބޭނެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނި
ކަމަށްވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެންޑޯޒްކޮށްފައިވާ މި މުބާރާތް
ކުރިއަށްގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑިންއާ އެކު އެވެ.
މީގެ 10 އަހަރު ކުރިން ތައާރަފުކުރި
އޯޝަންމޭން ގްލޯބަލް އަކީ ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ
ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މީގެ ފްރެންޗައިސް އިވެންޓްތައް ކޮންމެ
އަހަރަކު ތަފާތު 26 ގައުމެއްގައި ބާއްވަ އެވެ. އެގޮތުން ބާއްވާ 38 ރޭހުގެ ތެރެއިން
ކޮންމެ ރޭހެއްގައި 1500-2000 އަދަދަށް ފެތުންތެރިން ބައިވެރިވި އެވެ.
މުބާރާތް ރާއްޖޭގައި އިންތިޒާމުކުރާ ސްވިމް
މޯލްޑިވްސް އަކީ ރާއްޖޭގައި ފެތުން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ޖަމިއްޔާ
އެކެވެ. އެގޮތުން ވާދަވެރި ފެތުންތެރިންނާއި، ރިކްރިއޭޝަނަލް ފެތުންތެރިންނަށް
ހާއްސަކޮށްގެން އެ ޖަމިއްޔާ އިން ހަރަކާތްތައް ބާއްވަ އެވެ.