ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ އަށް ކެންސަރު ޖެހުނީތަ؟
ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ އަށް ކެންސަރު ޖެހުނީތަ؟

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލު ވިނޯދް ކަންނާ ބްލެޑާގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ދަނީ ބުނަމުންނެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ އަށް ކެންސަރު ޖެހުނީތަ؟
ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ އަށް ކެންސަރު ޖެހުނީތަ؟

ވިނޯދުގެ އާއިލާގެ މީހުން މި ވާހަކަ ޔަގީންކޮށް ނުދިން ނަމަވެސް ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކުން ވިނޯދް ކަންނާގެ ހާލަތު ގޯސްކަން ވަނީ ހާމަވެފަ އެވެ. އަންހެނުންނާއި ދަރިފުޅަކާ އެކު ހޮސްޕިޓަލުގެ ހެދުމުގައި ވިނޯދް ހުއްޓާ ނަގަފައިވާ މި ފޮޓޯއިން ފެނިފައިވަނީ ކުރިން ހަށިގަނޑު ވަރުގަދަކޮށް ހުރި ވިނޯދްގެ ހަށިގަނޑު ވަރަށް ބަލިކަށިވެ ނިކަމެތި ވެފައި ހުއްޓަ އެވެ.

އޭނާގެ ހަށިގަނޑަށް އައިސްފައިވާ މި ބަދަލު ފެނިފައި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

ކުރިން ގިނަ ފިލްމުތަކެއް ކުޅެފައިވާ ވިނޯދް އަކީ މިހާރު މަޝްހޫރު ސިޔާސީ މީހެއް ވެސް މެ އެވެ. ވިނޯދްގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އުމުރުން މިހާރު 70 އަހަރު ވެފައިވާ ވިނޯދަށް ދިމާވި ސިއްހީ މައްސަލަ އަކީ ގައިން މާ ފެން މަދުވުމުން ކަމަށް އޭނާގެ ދަރިފުޅު ރާހޫލް ކަންނާ ބުދަ ދުވަހު ބުނެފައިވެ އެވެ. ނަމަވެސް ވިނޯދްގެ ހަގީގީ ބައްޔަކީ ބްލެޑާ ކެންސަރު ކަމަށާއި އާއިލާ އިން އަދި މިކަން ސިއްރުކުރަން މަސައްކަތް ކުރަނީ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ވިނޯދް ކަންނާ އެންމެ ފުރަތަމަ ކުރި ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އެއީ ރާހޫލް އާއި އަކްޝޭ ކަންނާ އެވެ. އަދި ދެ ވަނަ އަނބިމީހާ ކަވީތާ އަށް ވެސް ފިރިހެން ދަރިއަކާއި އަންހެން ދަރިއެއް ލިބިފައިވެ އެވެ.

ވިނޯދަކީ މިހާރު ގުރްދާސްޕޫރްގެ މަޖިލިސް މެންބަރެކެވެ. އޭނާގެ ފިލްމީ ކެރިއަރުގައި ހޭދަކުރި 49 ވަރަކަށް އަހަރުގެ ތެރޭގައި 141 ފިލްމެއްގައި ބައިވެރި ވެފައިވެ އެވެ. އަދި 1999 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އޭނާއަށް ލިބުނެވެ.

ވިނޯދް ކަންނާ އެންމެ ފަހުން ހިންދީ ފިލްމަކުން ފެނިފައިވަނީ 2015 ގައި ނުކުތް "ދިލްވާލޭ" އިން ޝާހްރުކް ޚާން، ކާޖޮލް، ވަރުން ދަވަން އަދި ކްރީތީ ސަނޮން އާއެކުގަ އެވެ. އޭނާ މިހާރު ކުޅޭ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ގުލްބަހާރު ސިންގް ގެ "އޭކް ތީ ރާނީ އޭސީ ބީ" އެވެ. މި ފިލްމުގައި ވިނޯދް އާއެކު ހެމާ މާލިނީ ބައިވެރިވެ އެވެ.