ވެޓެރަންސް ކަޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ސިފައިން ދެ ވަނަ ބުރާ ގާތަށް
ވެޓެރަންސް ކަޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ސިފައިން ދެ ވަނަ ބުރާ ގާތަށް

ވެޓެރަންސް ކަޕްގައި މިއަދު ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ކުޅުނު ފުރަތަމަ މެޗުން ސިފައިން ވަނީ 2-1 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. މިއަދުގެ މެޗުން މޮޅުވުމުން އެ ޓީމަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ދެން ކުޅޭ މެޗުން ޔުނައިޓެޑް ވިކްޓަރީ އަށް ދެ ލަނޑުގެ ތަފާތުން މާޒިޔާ ބަލިނުކުރެވިއްޖެނަމަ ސިފައިންނަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ އަށް ދާ ދެ ޓީމަށް ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ތިން ވަނަ ޓީމު ޖެހޭނީ ގްރޫޕް އޭގެ ހަތަރު ވަނަ ޓީމާ ދެކޮޅަށް ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ސިފައިންގެ ދެ ލަނޑު ކާމިޔާބުކުރީ ސަލީމް ހުސެއިން އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބުނީ އޭނަ އަށެވެ. ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.

މި މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ މުހައްމަދު ރަޝީދު އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓެވެ. މެޗު ފަށާނީ 16:30 ގަ އެވެ.