އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ ފެށޭނީ ސަރަހައްދީ ހަނގުރާމައެއް ކަމަށް ވިދާޅުވެ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވި އިންޒާރަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެއްބަސްވުމެއްގެ އުންމީދު ދެއްވައިފި އެވެ.
އީރާން ސަރުކާރާ ދެކޮޅު މުޒާހަރާތައް، އެތައް ބައެއްގެ ފުރާނަ ދުއްވާލައިގެން ކޮންޓްރޯލްކުރުމާ ގުޅުވައި އީރާނަށް އެމެރިކާއިން އިންޒާރުދީ އަސްކަރީ މަނަވަރުތައް ވެސް އީރާން ކައިރިއަށް ގެންދަނީ ފޮނުވަމުންނެވެ.
ޚާމަނާއީ އިއްޔެ ވަނީ އެެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ އެއީ ސަރަހައްދީ ހަނގުރާމައެއްގެ ފެށުންކަން އެމެރިކާއިން ދަންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާންގައި ކުރި މުޒާހަރާ އަކީ ބަޣާވާތުގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޚާމަނާއީގެ މި އިންޒާރާ ގުޅިގެން ނޫސްވެރިން ޓްރަމްޕާ ސުވާލުކުރުމުން ވިދާޅުވީ ޚާމަނާއީ އެހެން ވިދާޅުވާނެކަން އެނގޭ ކަމަށެވެ.
"އުންމީދަކީ އެއްބަސްވުމަކަށް އާދެވުން. އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ބަލަމާ ހިނގާ އެ ވިދާޅުވީ ތެދެއްދޯ، ދޮގެއްތޯ،" ޓްރަމްޕު ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އިގްތިސާދީ އެކި މައްސަލަތަކާ
ގުޅުވައި އީރާންގައި ކުރި މުޒާހަރާތައް މުޅި ގައުމަށް ފެތުރި ސަރުކާރާ
ދެކޮޅު ހަރާކާތަކަށް ބަދަލުވުމުން މުޒާހަރާ ކޮންޓްރޯލްކުރުމަށް ބާރުގެ
ބޭނުންކުރުމުން އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. މުޒާހަރާގައި
ހައެއްކަ ހާސް މީހުން މަރުވި ކަމަށް ބައެއް އަންދާޒާތަކުގައި ބުނާއިރު
އީރާނުން ވަނީ 3،000 މީހުން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު
އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށް ވަނީ ބުނެފަ
އެވެ.