06 އެޕްރީލް 2017 - 14:13

މާލޭގައި ހުރި އެންމެ ދުވަސް ވީ އަދި ތާރީޚީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހި ގެލެރީ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު ވިއްކާލަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުކުރު މިސްކިތް ކައިރީގައި ހުންނަ އެސްޖެހި ގެލެރީގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުނޑީގެ ބާވަތްތަކާއި އެތަނުގައި ހުރި އެނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން އަންނަނީ ތައްޔާރުވަމުންނެވެ.
އެސްޖެހި ގެލެރީ މިހާރު ނިސްބަތްވާ އާއިލާގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ އިމާރާތުގެ އޮނގިނޑު ވިއްކާލަން ނިންމީ އާއިލާ ދިރިއުޅެން އެތަނުގައި އާ އިމާރާތެއް ހަދަން ކަމަށެވެ.
"އަޅުގަނޑުމެން އާއިލާ އުޅޭ ތަނެއް އެބަ ޖެހޭ ހަދަން. އެހެންވެގެން އަސްލު އެ ބިން ހުސްކުރަން ބޭނުންވެގެން އެސްޖެހި ގެލެރީގެ ސްޓްރަކްޗަ ވިއްކާލަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އެ ބިން ހުސްކުރަން އާއިލާއިން ނިންމިކަން ހެރިޓޭޖް ޑިޕާޓްމަންޓްގެ ވެރިންނާ އާއިލާ އިން ވަނީ ހިއްސާކޮށްފައި ކަމަށްވެ އެވެ.
"އެހެން ނަމަވެސް އެތަނާ ދޭތެރޭ އެ ބޭފުޅުންގެ އެހާ ޝައުގުވެރިކަން ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދައަކަށް އެދުނީމަ ސަރުކާރުން ވަނީ ހުއްދަ ވެސް ދީފައި،" އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެސްޖެހި ގެލެރީގެ އޮނިގަނޑު ވިއްކާލަނީ، ރޫޅާލައިގެން ގެންގޮސް، އެހެން ތަނެއްގައި ރޭވޭ ގޮތަށެވެ. އެ އޮނިގަނޑު ވިއްކާލަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އެސްޖެހި ގެލެރީއަކީ ރާއްޖޭގެ އޭރުގެ މަސައްކަތްތެރިކަން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. އެހެންކަމުން އެތަން ރޫޅާލައި، އޮނިގަނޑު ވިއްކާލަން އުޅޭ އަޑާ އެކު ބައެއް މީހުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އާއިލާ އިން ބުނީ އެސްޖެހި ގެލެރީ ތާރީހީ ތަނެއްގެ ގޮތުގައި ބަހައްޓައިގެން އެ އާއިލާ އަށް ލިބޭނެ ވަކި ފައިދާއެއް ނެތް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑަށް އާއިލާ ދިރިއުޅޭނެ ތަނެއްގެ މުހިއްމުކަން މިހާރު ބޮޑު ކަމަށް ވެސް ބުންޏެވެ.
އެތަން ނިސްބަތް ވަނީ އެސްޖެހި ގަނޑުވަރު މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެ އެވެ.
އެކަލޭގެފާނަކީ ސުލްތާން އިމާދުއްދީން ހަވަނައިގެ ރަސްކަމުގެ ދުވަސްވަރު އުޅުއްވި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލާއާ ވެސް އެކަލޭގެފާނުގެ އާއިލާ ގުޅިފައިވެ އެވެ.
އެސްޖެހި ގެލެރީގެ ލަކުނޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުން އެސްޖެހިގަނޑުވަރު ބިނާކުރި ކަމަށް ބެލެވެނީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.
ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އަށް އެކި ފަހަރުމަތިން އުރުނު ނައުފަހަރުތަކުގެ ލަކުޑި ވެސް އެސްޖެހި ގަނޑުވަރުގައި ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ގަނޑުވަރަށް ޚާއްސަކޮށްގެން ބޭރުން ވެސް ލަކުޑި އެތެރެކުރި އެވެ.
އެސްޖެހި ގެލެރީ މިހާރު ހިންގަނީ ކެފޭއެއްގެ ގޮތުގަ އެވެ.