ޑރ. ހަސަން ހަމީދަކީ ކަމަކަށް ކަމެއް
ކުރައްވާ ބޭފުޅެއް ނޫނެވެ. ކިތަންމެ އުނދަގޫ މަގަކުން ހިންގަވަން
ޖެހިވަޑައިގަތަސް، ކިތަންމެ ދިގު މުއްދަތެއް ހޭދަކުރައްވަން ޖެހިވަޑައިގަތަސް،
އޭނާ ކުރައްވާ ކަމެއް ކުރައްވަނީ އެންމެ ފުރިހަމައަށެވެ. ކިޔަވައިދެއްވުމާއި،
ދިރާސާކުރެއްވުމާއި، ލިޔުއްވުމާއި، ތަރުޖަމާކުރެއްވުމާއި، ފޮންޓް ހެއްދެވުން ފަދަ
ކޮންމެ ކަމެއްގައި ވެސް މެ އެވެ.
އެކަމަށް ހެކިވާ އޭނާގެ އެންމެ ފަހުގެ
މަސައްކަތަކީ، އެއް ފޮތެއްގެ ގޮތުގައި ދިވެހި ބަހުން މިހާތަނަށް ނެރޭ އެންމެ ބޮޑު
ފޮތުގެ ގޮތުގައި ދާދި އަވަހަށް ބާޒާރަށް ނުކުންނަން ތައްޔާރުވެފައިވާ
އިނގިރޭސި-ދިވެހި ބަސް ޑިކްޝަނަރީ އެވެ. ބަސް ކުރިއެރުވުމަށް ގާއިމްކޮށްފައިވާ
މުއައްސަސާތަކަށް ވެސް މާބޮޑު ކަމެއް ނުކުރެވޭ، އަދި ޖުމްލަކޮށް މުޅި މުޖުތަމައު
ވެސް އެކަމުގައި ފަހަތު ފަޔަށް ބުރަވެފައިވާ ޒަމާނެއްގައި ޑރ. ހަސަން މިކުރެއްވީ،
ދިވެހި ބަހަށް ފަހުގެ ތާރީހެއްގައި މީހަކު ކޮށްދެއްވި އެންމެ ބޮޑު އެއް
ހިދުމަތެވެ.
އިނގިރޭސި ބަހުގެ 120،000 ލަފުޒުގެ ދިވެހި
މާނަ ހިމަނައިގެން ހަސަން ލިޔުއްވި މި ފޮތުގެ ސަފުހާގެ އަދަދަކީ 1992 އެވެ. މި
ފޮތުގެ ހާއްސަ ކަމަކީ، މިއީ ހަމައެކަނި ލަފްޒުތަކެއްގެ އާއްމު މާނަތަކެއް ހިމެނޭ
ފޮތަކަށް ނުވުމެވެ. މިފޮތުގައި ތާނައިން އިނގިރޭސި ލަފުޒުތައް ކިޔާނެ ގޮތާއި
ލަފުޒުތަކުގެ މާނަތަކާއި ބޭނުންކުރާ ގޮތާއި މަޖާޒީ މާނަތައް ފަދަ އެތައް
މައުލޫމާތެއް ހިމެނެ އެވެ. ފޮތަކީ ތަރުޖަމާއަކަށް ވުރެ ބޮޑަށް، އެތައް
ދިރާސާތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް ކަމުން އެންމެ ފަސޭހައިން މާނަ
މޭރުންވާގޮތަށް ލިޔުމަށް ދެތިން ހަތަރު ބަސްފޮތް އޭނާ ބޭނުން ކުރެއްވި އެވެ.
އެގޮތުން އިނގިރޭސީގެ ދެތިން ހަތަރު ބަސްފޮތް
ނުވަތަ ޑިކްޝަނަރީ އޭނާ ބެއްލެވި އެވެ. އޭގެ ތެރޭގައި އޮކްސްފޮޑް ޑިކްޝަނަރީ، ކޭމްބްރިޖް
ޑިކްޝަނަރީ، ކޮލިންސް ޑިކްޝަނަރީ، މެކްމިލަން ޑިކްޝަނަރީ އަދި، ވެބްސްޓާ
ޑިކްޝަނަރީ ހިމެނެއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ބަހުގެ
އަހުލުވެރީންނަށް އިނގިރޭސި ބަހާ ގުޅޭ ދިވެހި ބަސް ހޯދުމަށް މިފޮތް ވާނީ ވަރަށް
މަދަދުވެރި ވަސީލަތަކަށް،" ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު
"މިހާރަ"ށް ވިދާޅުވި އެވެ.
މިއީ މީގެ 20 އަހަރު ކުރިން އޭނާ ފެއްޓެވި
މަސައްކަތަކުން އުފަންވި ފޮތެކެވެ. އެގޮތުން 2005 ވަނަ އަހަރު "ދަރުމަ"
މަޖައްލާގައި އޭނާ އެންމެ ފުރަތަމަ އިނގިރޭސި "އޭ" އަކުރުން ފެށީ
ލަފުޒުތަކުގެ ދިވެހި މާނަ ޝާއިއުކުރެއްވީ އެވެ. މަޖައްލާގެ އެ އަދަދަށް ވަރަށް
ބޮޑު ތަރުހީބެއް ޢާއްމުންގެ ފަރާތުން ލިބުމާ ގުޅިގެން މުޅި ޑިކްޝަނަރީ އެއްކޮށް
ތަރުޖަމާކުރުގެ ހިޔާލު އުދަވީ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ސީދާ
އެގޮތަށް ވިސްނަވައިގެން މަސައްކަތް ފެށްޓެވީ މީގެ އަށެއްކަ އަހަރު ކުރިންނެވެ،
"މީގެ ތެރެއިން ގިނަ މުއްދަތެއް ހޭދަކުރެވިފައިވަނީ ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑުން ބައެއް ފާއިތު
ވަންދެން ހަމަ އެ މަސައްކަތުގައި،" ވަރަށް ކަވި، ހޯދުންތަކެއް ހޯދަން ޖެހޭ މި
މަސައްކަތާ ބެހޭގޮތުން ހަސަން ވިދާޅުވި އެވެ.
ޕީއެޗްޑީ ދަރިވަރުންގެ ސުޕަވައިޒަރެއްގެ
ގޮތުގައި ވެސް މަސައްކަތްކުރައްވާ ހަސަންގެ ނަޒަރުގައި މި ފޮތަކީ ދެ ތިން ޕީއެޗްޑީ
އަށް ވުރެ ބުރަ ބޮޑު މަސައްކަތެކެވެ.
ހަސަން ވަނީ ފާއިތުވި ދުވަސްތަކުގައި ބައެއް
އެހެން އަކުރުތަކުގެ ލަފްޒުތަކުގެ މާނަ އޮންލައިންކޮށް ނެރުއްވައިފަ އެވެ. އޭނާގެ
ވިސްނުން ހުރީ ފުރަތަމަ ދެތިން އިސްދާރެއް ފޮތުގެ ގޮތުގައި ނެރުމަށް ފަހު، ފަހުން
އިނގިރޭސި-ދިވެހި ބަސްފޮތަށް ވަކި ސައިޓެއް ހަދައި، އޮންލައިންކޮށް ވެސް ބެލޭނެ
ގޮތް މަގުފަހިކުރާށެވެ.
"ބަސް ފޮތުގެ މަސައްކަތަކީ ނިމި
ކޮޅުންލާނޭ މަސައްކަތެއް ނޫން،" ހަސަން ވިދާޅުވި އެވެ.
އެގޮތުން މިހާރު ގެންދަވަނީ ދެވަނަ
އިސްދާރަކަށް ބައެއް އިނގިރޭސި ލަފުޒާ މާނަ އެއްގޮތް ދިވެހި ބަސް ހޯދާ ބެލުމުގަ އެވެ.
އެކަމަށްޓަކައި، ދިވެހި ތާރީހު ދިރާސާކުރެއްވި މަރްހޫމް ކޮލި ޙަސަން މަނިކު
ލިޔުއްވި ދިވެހި ލަފުޒުގެ މަސްދަރުތަކާ ބެހޭ ފޮތާއި އަދި މި ނޫން އެހެން ފޮތްފޮތް
އޭނާ ދިރާސާ ކުރައްވަމުން ގެންދަވަ އެވެ.
މި ފޮތް ލިޔުއްވުމުގެ އިތުރުން ޓައިޕްކޮށް،
ލޭއައުޓް ހައްދަވައި، ބޭރުގަނޑު ފަރުމާކޮށް އަދި ފޮތުގެ އެއްބައި ޕްރޫފްބެއްލެވީ
ވެސް ހަސަން އަމިއްލަ އަށެވެ. އަނެއް ބައި ޕްރޫފް ބެއްލެވީ ކުރީގެ އެޑިޔުކޭޝަން
މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
މި ފޮތް ހަސަން އަމާޒުކޮށްފައިވަނީ އިނގިރޭސި
ބަހުގެ މާނަ ދިވެހި ބަހުން ބަލަން ބޭނުންވާ އެންމެންނަށްވެ. ހާއްސަކޮށް އިނގިރޭސި
ބަސް ދަސްކުރަން ބޭނުންވާ މީހުންނަށާއި އެކި އެކި ދިރާސާތައް ކުރާ މީހުންނަށާއި
މުއައްސަސާތަކަށެވެ.
މި ބިޔަބޮޑު ފޮތުގެ ކޮންމެ ސަފުހާއެއްގައި 36
ފޮޅުވަތްވެ އެވެ. ފޮތް ލިޔެފައިވަނީ 9.5 ޕޮއިންޓް ސައިޒުގެ ފޮންޓުންނެވެ. މިހާ
ކުދިކޮށް ލިޔާއިރު ކިޔަން ފަސޭހައަކަށް ފޮތް ލިޔެފައިވަނީ އޭނާ އަމިއްލަ އަށް
ފަރުމާކުރެއްވި ހާއްސަ ފޮންޓަކުންނެވެ.
ސުވާލެއް ނެތް ގޮތެއްގައި މިއީ ދިވެހި ބަހުން
މިހާތަނަށް ނެރޭ އެންމެ ބޮޑު ފޮތެވެ. ވަކިވަކި ބައިބަޔަށް ނެރެފައިވާ ކީރިތި
ޤުރްއާންގެ 13 ފޮތުގެ މައްޗަށް ހިމެނޭ ތަފްސީރަށް ވުރެ މިފޮތުގެ ލިޔުންގަނޑު ގިނަ އެވެ.
އެކަމަކު ވަކިވަކި ފޮތުގެ ގޮތުގައި ހުސައިން ރަޝީދު އަހުމަދު ނެރުއްވި މުސްލިމް
ހަދީސް ފޮތަށް ވުރެ ކުޑަވެދާނެ އެވެ.
"ފޮތުގެ އަގު މަތިވަނީ އޭގެ
ބަރުދަނަކުން ނޫން. އޭގައިވާ އެއްޗެއްގެ ސަބަބުން،" ހަސަން ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު.-- ފޮޓޯ: އެމްއެންޔޫ
މިއީ އާއްމުކޮށް ނެރޭ ފޮތްތަކަށް ވުރެ ބޮޑު
ފޮތަކަށް ވުމުން ޗާޕުކުރި ޗައިނާގެ ކުންފުނިން ބުނީ، ބޯކަމުން މެޝިނުން ނުފެހިގެން
ފޮތުގެ އެކި ބައިތައް ނުވަތަ ގުއްރާސްތައް އެއްކޮށް ފެހީ އަތުންނެވެ. ފޮތުގެ
ގަނޑުތައް ގިނަކަމުން، ތަތްކޮށްގެން ނުހިފަހައްޓާނެތީ ފޮތް ހެދީ ބޯބަނޑޭރިގަނޑު ލީ
ފޮތެއްގެ ގޮތުގަ އެވެ.
ޔުނިވާސިޓީން އިސްތިއުފާ ދެއްވުމަށްފަހު
މިވަގުތު ލިޔުއްވުމަށް ހުސްވެ ހުންނެވި ހަސަން ވަނީ ދިވެހި ބަހަށް ވަރަށް ގިނަ
ހިދުމަތްކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފާރިސްކަރައިގެ ޅެންވެރިޔާ ޝޭހު
މުސްލިހުއްދީން ސައުދީ ޝީރާޒީ ލިޔުއްވި "ގުލިސްތާން" ދިވެހި ބަހަށް ތަރުޖަމާ
ކުރެއްވުމަކީ އެފަދަ އަގުހުރި މަސައްކަތެކެވެ.
މީގެ
އިތުރުން ދިވެހި އަތުލިޔުމުގެ ވަރަށް ގިނަ ފޮންޓް އޭނާ ވަނީ ތައްޔާރުކުރައްވައި
ހިލޭ ދޫކުރައްވައިފަ އެވެ. އެކަމަކު "ދެތިން ޕީއެޗްޑީ ހެދުމަށް ވުރެ އިލްމީ
ހައިބަތު ބަރު" މި ފޮތަކީ، އަމިއްލަ ހައިސިއްޔަތުން އޭނާ ކުރައްވާފައިވާ އެހާމެ
އަގުބޮޑު މަސައްތަކެވެ.
"ވަރަށް ބޮޑަށް އުފާކޮށް މަރުހަބާ ދަންނަވަން. މާތް ﷲ މަނިކުފާނުގެ މަސައްކަތްޕުޅުގައި ބަރަކާތް ލައްވާށި!،" ހަސަންގެ
މަސައްކަތަށް ތައުރީފުކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
އެކްސްގައި ޕޯސްޓުކުރައްވާފައިވެ އެވެ.