ބަޔާނުގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުމެއް
ބަޔާނުގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުމެއް

ހޮފެންހެއިމް (އޭޕްރިލް 5) – ބަޔާން މިއުނިކުން ބަލިނުވެ ފުރިހަމަކޮށްފައިވާ 20 މެޗުގެ ސިލްސިލާ އަށް ޖަރުމަން ލީގުގައި ރޭ ހޮފެންހެއިމް އިން ނިމުމެއް ގެނެސްފި އެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން އަތުން ހޮފެންހެއިމް 1-0 އިން މޮޅުވީ އަންދްރޭ ކްރަމަރިޗް ޖެހި ގޯލުންނެވެ. ބަޔާން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ނޮވެމްބަރު މަހު ރަޝިއާގެ ރޮސްޓޯވް އަތުން 3-2 އިންނެވެ. މިއީ ޖަރުމަން ލީގުގައި މި ސީޒަނުގައި ބަޔާން ބަލިވި ދެ ވަނަ މެޗެވެ.

މި ނަތީޖާއާ އެކު ވެސް ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމު 65 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް އާރްބީ ލީޕްޒީގަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. މިރޭ މެއިންޒް އަތުން ލީޕްޒީގް މޮޅުވެއްޖެ ނަމަ ބަޔާނުގެ ލީޑު 10 ޕޮއިންޓަށް ކުޑަވާނެ އެވެ.

"މިގޮތަށް ވިޔަ ދީގެން ނުވާނެ އަހަރެމެން. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު. އެކަމަކު ގޯލަށް ބޯޅައެއް ނުވަން. އަހަރެމެން އަތުގައި ބޮޑު ލީޑެއް އެބައޮތް އެކަމަކު މިއީ ބަލިވާން ޖެހޭ މެޗެއް ނޫން،" ރޭގެ މެޗުގައި ބަޔާނުގެ ކެޕްޓަންކަން ކުރި އާޔެން ރޮބެން ބުންޏެވެ.

ބަޔާން ބަލިވިއިރު އެ ޓީމުގެ ބޯމަތީގައި ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.