އިންޑިއާގައި މިވަގުތު ހުރި އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އަރްޖިތު ސިންގު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލައިފި އެވެ. 

އަރްޖިތު "ޕްލޭބެކް ސިންގިން" ނުވަތަ ފިލްމުތަކަށް ލަވަކިޔައިދިނުން ހުއްޓާލިކަން އިއުލާންކުރީ އިންސްޓަގްރާމްގައި މިރޭ ކުރި ޕޯސްޓެއްގަ އެވެ. 

"ހެލޯ، އެންމެންނަށް އުފާވެރި އާ އަހަރަކަށް އެދެން. މިވީ އަހަރުތަކުގައި އަޑުއެހުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ލޯތްބަށްޓަކާ ޝުކުރު އަދާކުރަން. އަހަރެން މިއަދު މި އިއުލާން ކުރަނީ މީގެ ފަހުން ފިލްމުތަކަށް ލަވަކިޔުމުގެ އެއްވެސް އާ މަސައްކަތެއް ބަލައިނުގަންނާނެ ކަން،" އަރްޖިތު ބުންޏެވެ. 

ފިލްމުތަކަށް ލަވަކިޔުމުގެ ދާއިރާއާ ދުރަށް ދާން ނިންމާފައިވާ ކަމަށާއި "އެއީ އުފާވެރި ދަތުރެއް" ކަމަށް އޭނާ ބުންޏެވެ. 

ކުއްލި ގޮތަކަށް އަރްޖިތު އިއުލާންކުރި މި ނިންމުމާ އެކު، އޭނާގެ ފޭނުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.

ނަމަވެސް، ފޭނެއް ކުރި ކޮމެންޓަކަށް ދިން ރިޕްލައިގައި އަރްޖިތު ބުނީ އޭނާ މިއުޒިކް އުފެއްދުން އެއްކޮށް ހުއްޓާލަނީ ނޫން ކަމަށެވެ. 

އިންޑިއާގައި ލަވަކިޔުންތެރިންނަށް ބޮޑަށް މަޝްހޫރުކަން ލިބެނީ ފިލްމުތަކަށް ލަވަ ކިޔައިގެންނެވެ. އެހެންވެ، "ޕްލޭބެކް ސިންގިން"ނަކީ އިންޑިއާއަށް ހާއްސަ މިއުޒިކް އިންޑަސްޓްރީއަކަށް އޮންނާނީ ވެފަ އެވެ. 

އަރްޖިތަކީ މިހާރު އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ނަމެވެ. ބޮލީވުޑްގެ ކޮންމެ ފިލްމެއްގައިހެން އޭނާގެ ލަވައެއް ހިމެނެ އެވެ.

އޭނާގެ އަޑަކީ ހަމައެކަނި ލޯބީގެ ލަވަތަކަށް ހާއްސަ އަޑެއް ނޫނެވެ. އޭނާ ވަނީ ސޫފީ މިއުޒިކާއި ހިތްދަތި ލަވަތަކުގެ އިތުރުން އިންޑިއާގެ ގައުމީ ލަވަތައް ކިޔައިގެން ވެސް އާންމުންގެ ލޯބި ހޯދައިފަ އެވެ. 

ހިންދީ ބަހުގެ އިތުރުން ބެންގާލީ، ތަމަޅަ، ތެލެގޫ، މަރާޓީ އަދި ކަންނާޑާ ބަހުން ވެސް އަރްޖިތު ވަނީ ލަވަތައް ކިޔައިފަ އެވެ.

މިހާތަނަށް 300 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވާ އަރްޖިތަކީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ ގިނަ ލަވަކިޔާފައިވާ އެއް ފަންނާނެވެ.