ފްލެޓް ލިބޭ މީހުން އިއުލާން ކުރުން ލަސްވާތީ ޝަކުވާ
ފްލެޓް ލިބޭ މީހުން އިއުލާން ކުރުން ލަސްވާތީ ޝަކުވާ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން 2014 ގައި ހުޅުވާލި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އިއުލާންކުރުން ލަސްވާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ އެ މަޝްރޫއުގައި އަޅާ 1،084 ފްލެޓުގެ ތެރެއިން ހުޅުމާލޭގައި ހަދާ 704 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މިދިޔަ ފެބުރުއަރީ މަހު ކަނޑައަޅާނެ ކަމަށެވެ. އެކަމަކު އަދިވެސް ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެ މަޝްރޫއުގެ ފްލެޓްތަކަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ.

"އިންތިޒާރުގައި ތިބޭތާ ހަތަރު އަހަރު މިވަނީ. މިނިސްޓްރީ އަށް ގުޅައިގެން ވެސް ސާފެއް ނުވި އިއުލާންކުރާނެ ދުވަހެއް،" ޝަކުވާ ކުރި އެކަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އެހެން މީހަކު ބުނިގޮތުގައި ފްލެޓް ނުލިބޭ ނަމަ އެހެން ގޮތެއް ހޯދަން އެނގޭނީ ވެސް ލިސްޓު އިއުލާންކުރުމުންނެވެ.

"ހުޅުވާލި ޝަރުތުތަކާއި ޕޮއިންޓް ލިބުނު ވަރަށް ބަލައި ލިބިދާނެ ކަމުގެ އުއްމީދުގައި މި ހުންނަނީ. އެހެން ގޮތެއް ހޯދަން އެނގޭނީ ވެސް ލިބޭނީ ކޮން ބަޔަކަށް ކަން އެނގިގެންތާ،" އޭނާ ބުންޏެވެ.

ފްލެޓް ލިބޭ މީހުންގެ ނަންތައް އިއުލާންކުރުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންކަމުން ފޯމުތަކުގައި ހިމެނޭ މައުލޫމާތުތައް އަލުން ސާފުކޮށް ނިމިއްޖެކަން ނުވަތަ ނޫންކަން ވެސް ނޭނގެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 704 މީހުންނަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފްލެޓަށް އެދި ކުރިމަތިލީ ފަހުން މިހާތަނަށް އެ މީހެއްގެ ދިރިއުޅުމަށް އައިސްފައިވާ ހުރިހާ ބަދަލުތަކަކަށް، ފްލެޓް ދިނުމުގެ ކުރިން ރިއާޔަތް ކުރާނެ އެވެ. އަދި އެކަން ކުރިއަށް ގެންދާނީ އެންމެ އިންސާފުވެރި އުސޫލްގެ މަތިން ކަމަށް ވެސް ވިދާޅުވި އެެވެ.
މި މަޝްރޫއުގައި ބާކީ ހިމެނޭ 380 ފްލެޓްގެ މަސައްކަަތް ކުރިއަށް ގެންދިޔައީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުންނެވެ. އެ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފަ އެވެ.