06 އެޕްރީލް 2017 - 06:20

ފުވައްމުލަކުގައި ޝޫޓްކޮށްފައިވާ 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ރޯދަ މަހު، އާ ޓީވީ ޗެނެލަކުން ދައްކާނެ ކަމަށް ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ) ބުނެފި އެވެ.
މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން ލޯންޗްކުރާ އެ ޗެނަލަކީ، ޕްރޮޑިއުސަރު ހުސައިން އާދިލް އިސްކޮށް ހުރެގެން، އުފައްދާ ޗެނަލެކެވެ. އައްޔަ ބުނީ ރޯދައާ ދިމާކޮށް ޗެނަލް ލޯންޗް ކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އޭނާ ޑައިރެކްޓް ކުރި ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" އަކީ ސެންޑިލްގެ އަންހެނުން މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާފައިވާ ޑްރާމާއެކެވެ.
ފަންސަވީސް ދުވަހުގެ ތެރޭގައި ފުވައްމުލަކުގައ ޝޫޓްކޮށްފައިވާ ޑްރާމާ އިން ފެނިގެން ދާނީ ދެމަފިރިއެއްގެ މެދުގައި ހިނގާ ކަންތައްތަކެކެވެ.
މި ޑްރާމާ ސިލްސިލާގައި ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު އަމަން އަލީ (ޓޮމް) އާއި މަރިޔަމް ޝަހުޒާ އެވެ. ޑްރާމާ އިން ދެން މުޅިން ވެސް ފެނިގެން ދާނީ ފުވައްމުލަކުގެ ފަންނާނުންނެވެ.
"ޑްރާމާ މިހާރު މިއޮތީ އެޑިޓިން ޓޭބަލްގައި. ވަރަށް އަވަހަށް އެޑިޓިން ނިންމާލައި، ޑަބިން ފަށާނަން. މިހާރު މަސައްކަތްދާ ސްޕީޑަށް ބަލާ އިރު، މި މަސް ނިމެންވާ އިރަށް ޑްރާމާގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ،" ކެމެރާމަނެއްގެ ގޮތުގައި މަޝްހޫރު އައްޔަ ބުންޏެވެ.
އޭނާ ބުނީ "ޝަކުވާއަކާ ނުލާ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ޑްރާމާއަކަށް ވާނެ ކަމަށެވެ. މީގެ އާ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
"ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ލޯބީގެ ކަންތައްގަނޑެއް ޑްރާމާ އިން ފެނިގެން ދާނީ،" އައްޔަ ބުންޏެވެ.
މި ޑްރާމާގައި އައްޔައާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ފުވައްމުލަކު ޒުވާނަކު ވެސް މަސައްކަތްކޮށްފައިވެ އެވެ.
"ނައްފަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު މިއަށް،" އޭނާ ބުންޏެވެ.
އައްޔަ ބުނީ "ޝަކުވާއަކާ "ނުލާ" ގެ ހުރިހާ މަސައްކަތަކުން އަތް ދޫކޮށްލުމަށް ފަހު، ރޯދަ އަށް ހާއްސަކޮށްގެން ފަސް އެޕިސޯޑްގެ އިތުރު ޑްރާމާއެއް ވެސް ހަދަން ނިންމާފައިވާ ކަމަށެވެ.
އެ ޑްރާމާ ހަދަނީ އޭނާގެ އަންހެނުން ރިޒާނާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށެވެ.
"ޝަކުވާއަކާ ނުލާގެ އިތުރުން، ނިމާލް ލަންކާގައި ދާދި ފަހުން ޝޫޓް ކުރި ލޯބީގެ ހިޔަނީގެ ޕޯސްޓް ޕްރޮޑަކްޝަނާ ވެސް ހަވާލުވެގެން މިހިރީ. އެހެންވީމަ މި މަސައްކަތްތައް ނިންމާލުމަށް ފަހު، އާ ޑްރާމާގެ މަސައްކަތް ފަށާނަން،" އައްޔަ ބުންޏެވެ. "ބޭނުމަކީ ރޯދަ މަހު އެ ޑްރާމާ ވެސް ބެލުންތެރިންނަށް ގެނެސް ދިނުން."