އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކޮށް މިއަދު ފެށި ދިރާސީ އާ އަހަރާ އެކު، ކިޔަވައިދޭން ފަށައިފި އެވެ.
ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން އެ ސްކޫލުގައި ކިޔަވައިދެމުން އައީ ދެ ދަންފަޅި އަށް ކަމަށް ވިޔަސް މި އަހަރު އެންމެ ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަހުމަދިއްޔާގެ ޕްރީ ސްކޫލުގެ ކުދިން ފިޔަވައި ހުރިހާ ގްރޭޑެއްގެ ކުދިން، ގްރޭޑް 1 އިން 12 އަށް މިއަދުން ފެށިގެން ސްކޫލަށް ދާނީ ހެނދުނު 6:45 ގައި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އެ ކުދިންގެ ކިޔެވުން ނިމޭނީ މެންދުރުފަހު ތިނެއް ޖަހާއިރު އެވެ.
މާލެ ސަރަހައްދުގެ އެންމެ ބާރު ބޮޑު އެއް ސްކޫލު، އަހުމަދިއްޔާގެ ޖާގަ ކުޑަވުމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ. ގްރޭޑް 12 އާ ހަމައަށް 2،000 އެއްހާ ކުދިން ކިޔަވާ އެ ސްކޫލުގެ ގޯތި ތެރޭގައި މިހާރު ވަނީ އިތުރު އާ އިމާރާތެއް އަޅައިފަ އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި، އެ އިމާރާތް އެއްކޮށް ބޭނުންކުރަން ނުފެށި ނަމަވެސް މިއަދުން ފެށިގެންން އާ ކްލާސްރޫމުތަކުގައި ކުދިން ކިޔަވަން ފަށާނެ އެވެ. އެކަމަކު، އާ އިމާރާތް ރަސްމީކޮށް ހުޅުވާނީ އަންނަ މަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު 100 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދޭ އަހުމަދިއްޔާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކޮށްގެން ކިޔަވައިދެވޭ ވަރަށް ވުރެ އިތުރަށް ވެސް ޓީޗަރުންނާއި ވަސީލަތްތައް ހަމަވެފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަން އިތުރުވެފައިވާތީ މިދިޔަ ސަރުކާރުގައި އާ ސްކޫލެއް އިމާރާތް ކުރުމަށް ހުޅުމާލެ އިން ވަނީ ބިމެއް ހަމަޖައްސައިފަ އެވެ.
ސެންޓްރަލް ޕާކް ސަރަހައްދުން އަހުމަދިއްޔާ އަށް ހަމަޖެއްސީ މިހާރު މާލޭގައި ހިންގާ ސްކޫލްގެ ޖާގަ އަށް ވުރެ ހަތަރު ގުނަ ބޮޑު ތަނެކެވެ. އެއީ 43،000 އަކަފޫޓުގެ ބިމެކެވެ.