އިބްރަހިމޮވިޗް ޔުނައިޓެޑް ސަލާމަތްކޮށްދީފި
އިބްރަހިމޮވިޗް ޔުނައިޓެޑް ސަލާމަތްކޮށްދީފި

މެންޗެސްޓާ (އޭޕްރިލް 5) – ސަސްޕެންޝަކަށް ފަހު އެނބުރި އައި ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް 94 ވަނަ މިނެޓުގައި ވައްދާލި ޕެނަލްޓީއާ އެކު ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ 1-1 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު، ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް އަރައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ދަތިތަކެއް ދިމާވެފަ އެވެ. އެ ޓީމު 54 ވަނަ ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު، 58 ޕޮއިންޓާ އެކު އެވެ.

އަމިއްލަ ދަނޑުގައި މި ސީޒަނުގައި ނުވަ ވަނަ ފަހަރަށް ޔުނައިޓެޑް އެއްވަރުވިއިރު، މިހާރު ބެލެވޭ ގޮތުގައި އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނީ، ޔުރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. އެ ޓީމު މިވަގުތު އޮތީ މުބާރާތުގެ ކުއާޓާ ފައިނަލުގަ އެވެ.

އެވަޓަން އަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ފިލް ޖެގިއެލްކާ އެވެ. އެ ޓީމު މޮޅުވާންދަނިކޮށް، މަންޒަރު ބަދަލުވީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޔުނައިޓެޑުގެ ލޫކް ޝޯ ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް އެވަޓަންގެ އޭޝްލީ ވިލިއަމްސް އަތުން އެ ބޯޅަ މަތަކުރުމުންނެވެ. އެއާ އެކު ރެފްރީ ވަނީ ވިލިއަމްސް އަށް ރަތްކާޑު ދައްކައި ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީ ވައްދާލީ އިބްރަހިމޮވިޗެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމުން މެޗުގައި ރަނގަޅު ދެ ގޯލް ޖެހި ކަމަށާއި އެ ލަނޑުތައް ގަބޫލުނުކުރި ނަމަވެސް އެސިސްޓަންޓް ރެފްރީއާ މެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. ސަބަބަކީ އެފަދަ ނިންމުންތައް ނިންމޭނީ ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ގަބޫލުކުރާތީ ކަމަށް މޮރީނިއޯ ބުންޏެވެ.

"ކުޅުންތެރިން ރަނގަޅަށް މަސައްކަތްކުރި. ފުޓްބޯޅައިގެ ނަޒަރަކުން ބަލާއިރު ކުޅުމާ މެދު އެހާ ބޮޑަށް ހިތްހަމަނުޖެހޭ. އެކަމަކު ކުޅުންތެރިން ލީ ހިތްވަރާ މެދު އުފާވޭ،" މޮރީނިއޯ ބުންޏެވެ.

އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މިއީ އުނދަގޫ މެޗެއް ކަމަށާއި ދެ ވަނަ ހާފުގައި އޭނާގެ ޓީމަށް ކައުންޓާގައި މެޗު ނިންމާލަން ފުރުސަތު ލިބުނު ނަމަވެސް ބޭނުންނުކުރެވުނު ކަމަށެވެ.

"މޮޅުނުވީމާ ވަރަށް ހިތްހަމަނުޖެހޭ. އެކަމަކު އެ ޕެނަލްޓީއަކީ ހަމަ ރަނގަޅު ޕެނަލްޓީއެއް،" ކޫމަން ބުންޏެވެ.