ވިޔަފާރިތަކުން ފަސޭހަކަމާ އެކު އެއްފަހަރާ ގިނަ އެކައުންޓްތަކަށް ފައިސާ ފޮނުވޭ
"ބަލްކް ޕޭމަންޓް" ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.

މި ހިދުމަތް މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާގެ މުއާމަލާތްތައް އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް
 ފޮނުވޭނެ އެވެ. މި ހިދުމަތުގައި، ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން،
ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެ އެވެ.

ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ޑިޖިޓަލްކޮށް
އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ފައިސާ ފޮނުވުމުގެ ކަންކަން
އަވަސްވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ
ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް
ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ. 

ބޭންކުން ބުނީ މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.