ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އެމަނިކުފާނު ޗޮއިސްއެއް ކަމަށާއި އެ މަގާމަށް ކުރިމަތިލެއްވީ އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ޕީއެންސީން ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޭޔަރު ކަމަށް ނުކުންނެވުމަށް މޫސާ އަލީ ޖަލީލުގެ އަރިހުގައި އެދިވަޑައިގަތީ އޭނާއަކީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވައިގެން ވަރަށް އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ހީވާގި ކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށެވެ. 

"ފަސްބައިގަ އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ގައުމީ ޖޯޝުހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް. އެހެންވެ އަޅުގަނޑު އެދުނީ ކުރިމަތިލެއްވުމަށް، އެކަން ގަބޫލުކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ. 

ޕީއެންސީ

ޕީއެންސީ

އެ މަނިކުފާނު ވިދާޅުވީ މި ގައުމުގައި މިހާރު އޮތީ ހަމަޖެހުން ގާއިމްވެފައިވާ ކަމަށާއި އެހެން ލޯކަލް ލެވެލެއްގައި ރަށެއްގައި ސަކަރާތް ޖަހަން ކައުންސިލަރުން އިންތިހާބު ކޮށްގެން ނުވާނެ ކަމަށެވެ.

ސަރުކާރުން ހިންގާ ރާވާ ކަންކަމަށް ހުރަސްތައް މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"މި ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތުން ކުރަން ބޭނުންވާނެ ކަމެއް ނޫން، އެކަމަށް ޖާގަ ނުދެއްވާ ރައްޔިތުންނާ އެކު މި އޮތް ސަރުކާރު ރައްޔިތުންނާ އެކު ކުރާ މަސައްކަތާ އެކު ކުރިއަށް ވަޑައިގަންނަވަން އަޅުގަނޑުމެންނާ އެކު މި ނުކުންނަ ކެންޑިޑޭޓުން ހޮވައިދެއްވާށޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރިއަށް ގެންދަން ވަރަށް ފަސޭހަވާނެ ކަމަށެވެ. އެކަން މަޑުޖައްސާ ބަޔަކު ކައުންސިލްތަކުގައި ތިބެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ތަރައްގީ ލަސްކޮށް، ތަރައްގީ ރައްޔިތުންނާ ހަމައަށް ފޯރިޔަ ނުދީ ހިފަހައްޓާ ބަޔަކަށް ޖާގަ ނުދީ، ގައުމީ ވިސްނުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް އަތުކުރި އޮޅާލަން އެދޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

"މި ސަރުކާރަކީ ގައުމީ ފިކުރުގެ ގައުމީ ވިސްނުމުގެ ގައުމު ދެކެ ލޯބިވާ ފިކުރުގެ ސަރުކާރެއް. އެގޮތުގައި ކުރިއަށް ގެންގޮސް ކެމްޕެއިން ކުރާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.