05 އެޕްރީލް 2017 - 08:50

ޕީީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލާހްގެ މައްޗަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުންނަށް ރޭ ހުށަހަޅައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަން ދެއްކުމަށްޓަކައި ފަލާހް ވިދާޅުވީ 10-15 ދުވަހަށް ކުދިކުދި ކުންފުނިތައް ހަދާފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވީ އުމަރުގެ ހާލަތު އެހެން ހުރިއިރު، ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނަށް އަމާޒުކޮށް އުމަރު ދައްކަވާ ކަމަށެވެ.
"އުމަރު ކޯޓަށް ދޭ ބަލަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް،" ފަލާހް ވިދާޅުވި އެވެ.
ފަލާހް އެ ވާހަކަ ދެއްކެވި މައްސަލަ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބަލައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި ދިނުމަށް އުމަރު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ވެ އެވެ.
އުމަރު ފުލުހުންނަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.
"އަދި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އަޅުގަނޑުގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް، ނުވަތަ އަޅުގަނޑުގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކާ ވެސް ހަވާލު ކުރެވިފައެެއް ނުވާނެ އެވެ. އަދި އަޅުގަނޑު މިނިސްޓަރ ކަމުގެ މަގާމް ގައި ހުރި ދުވަސްތަކުގައި، އެފަދަ ކުންފުންޏަކުން އެ މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ވާނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،" އުމަރުގެ ސިޓީގައި ވެ އެވެ.
މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އުމަރުގެ މައްޗަށް ސަރުކާރުން ތުހުމަތު ކުރެ އެވެ. އަދި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.