ނޯޓް ފޮތާއި ކްރޭޔޮން އާއި އާޓް މެޓީރިއަލް ފަދަ، ކުޑަކުދިން މުނިފޫހިފިލުވަން ބޭނުންކުރާ ސާމާނު ދެ އަހަރަށް ފަހު ޣައްޒާއަށް ވެއްދިފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން މިއަދު ބުނެފި އެވެ. 

އިޒްރޭލުން އޮކްޓޫބަރު 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށީންސުރެ، ޣައްޒާއަށް އިންސާނީ އެހީ އާއި އެހެނިގެން އަސާސީ ތަކެތި ވެއްދުމުގައި އިޒްރޭލުން ވަރަށް ބޮޑަށް ދަތިކޮށް ހުރަސް އަޅާ ކަމުގެ ކަންބޮޑުވުން އެހީގެ ޖަމާއަތްތަކުން އަންނަނީ ކުރަމުންނެވެ. 

އެކަމަކު އިޒްރޭލުން ބުނަނީ ބަލަނީ ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންތައްތައް ކަމަށާއި އެހީއަށް ހުރަސް ނާޅާ ކަމަށެވެ. 

ޔުނިސެފުން މިކަން އިއުލާން ކޮށްފައި މިވަނީ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ސޮއިކުރި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފަށާފައިވާކަން އެމެރިކާއިން އިއުލާނުކޮށްފައި ވަނިކޮށެވެ. 

"މި ބުރާސްފަތި، 15 ޖެނުއަރީން ފެށިގެން ޣައްޒާއަށް ވަނީ މުނިފޫހިފިލުވަން ބޭނުންކުރާ ސާމާނު ހުރި 5،168 ކިޓް އެތެރެކޮށްފައި. މިއީ 375،000 ކުދިންނަށް އެހީއަކަށް ވާނެ ސާމާނު. މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުރި 1،000 ކުދިން ވެސް ހިމެނޭ،" ޔުނިސެފްގެ ބަޔާނުގައިވެ އެވެ. 

ޔުނިސެފްގެ އޮފިޝަލެއް ކަމަށްވާ ޓެޑް ޗައިބާން ވަނީ ޣައްޒާއަށް ތައުލީމީ އަދި އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓަށް ބޭނުންވާ ސާމާނު ގެނައުމުގެ ހުއްދަ ވެސް ދޭންޖޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ ދެވަނަ ފިޔަވަހީގެ މައިގަނޑު މަގްސަދަކީ ޣައްޒާ އަލުން އާރާސްތުކުރުމަށް މަގު ފަހިކުރުމެވެ.

ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެމެރިކާގެ އޮފިޝަލުން ވަނީ ޣައްޒާގައި އުސް އިމާރާތްތަކާ އެކު، އައްސޭރިފަށުގެ ރިސޯޓަކަށް ބަދަލުކޮށްލުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ބުނެ މާސްޓަ ޕްލޭނަކާއި ކުރެހުންތަކެއް އާންމުކޮށްފަ އެވެ. އޭގައި ބުނެފައިވަނީ އެއީ "ނިއު ގާޒާ" ގެ ތަސައްވުރު ކަމަށެވެ. -- އޭއެފްޕީ