05 އެޕްރީލް 2017 - 08:31

އެކުވެރިކަމަކީ އަޖައިބެއް ކަހަލަ ބާރެކެވެ. ބައެއް ފަހަރު ބޭނުންވަނީ އެކުވެރިޔާއަށް ރަނގަޅު މަގު ދައްކާށެވެ. އަނެއް ބައި ފަހަރު، އެކުވެރިޔާގެ ރުހުން ހޯދުމަށްޓަކައި، އޭނަ ކުރާ ކޮންމެ ކަމެއްގައި ބައިވެރިވެވެއެވެ. މާދިހަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރުމެން އުޅެބޮޑުވީ އެއް ހިސާބުގަނޑެއްގައެވެ. އަހަރުމެންގެ ގެ ހުންނަނީ އެއް މަގެއްގައެވެ. އިސްކޫލު ދައުރުގައި މުދައްރިސަށް ޖެއްސުންކުރުމުން ފެށިގެން، ބޮޑުވެ ލޯބިވެރިން ހޯދުމާ ހަމައަށް ވެސް، އަހަރުމެން އެކަކުއަނެކަކަށް އެހީތެރިވީމެވެ. ރަނގަޅާއި ނުބައިގައި، އަތްވާއި ވާރޭގަ މަދަދު ފޯރުވީމެވެ. ހިތާމަ އާއި އުފަލުގައި ބައިވެރިވީމެވެ. އެކަމަކު، ދިރިއުޅުމުގައި އަހަރެން ހޯދި ކާމިޔާބީތަކެއް މާދިހަކަށް ނުހޯދުނެވެ. އަހަރެން ބޭނުންވީ، މަހު މުސާރަ ލިބޭ އޮފީހަކަށް ވަންނާށެވެ. މާދިހު ބޭނުންވީ ވިޔަފާރިވެރިއަކަށް ވާށެވެ. ވިޔަފާރިއަކީ އަހަރެން ވަރަށް ފޫހިވާ މަސައްކަތެކެވެ.
މާދިހު ފެށި ވިޔަފާރި ބަނގުރޫޓުވިއެވެ. އަހަރެން ހިތްވަރުދިނީމެވެ. މާދިހު އިތުބާރުކުރި މީހުން އޭނައަށް މަކަރުހެދިއެވެ. ދެން ވެސް މާދިހަށް ވިސްނައިދިނުމުގައި އަހަރެން ކާމިޔާބު ހޯދީމެވެ. މާދިހުގެ ލޯބިވެރިޔާ އެހެން މީހަކު ޖަހައިގަތެވެ. އެ ހިސާބުން މާދިހު މާ ބޮޑަށް މާޔޫސްވީއެވެ. އޭނައަށް އިވިފައި އޮންނަ ގޮތުން ޑުރަގަކީ ހިތްދަތިކަމަށް އޮންނަ ފަރުވާއެކެވެ. މާދިހު ޑުރަގު ބޭނުންކުރަން ފެށިއެވެ. އޭގެ ވިޔަފާރިކުރަން ފެށިއެވެ. އެ އަނދަވަޅުން މާދިހު ސަލާމަތްކުރެވޭތޯ އަހަރެން ބެލީމެވެ. މާދިހުގެ ނަޒަރުގައި އަހަންނަކަށް މާދިހު ހާލަތެއް ނުވިސްނޭނެއެވެ. ކެހިވެރިކަމާއި، ހިތްދަތިކަމާއި، ނާކާމިޔާބީއަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގޭނެއެވެ. އެ ކަން އެނގޭނީ މާދިހުގެ ފައިވާނަށް އެއް ފަހަރު ނަމަވެސް އެރީމައެވެ.
ޑުރަގު ވިޔަފާރީގެ ތެރެއަށް އަހަރެން ވަނީ، ހަމައެކަނި މާދިހު ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އޭނަގެ ކުރިމަތީގައި އަހަރެންގެ ބަސް ވިއްކުމަށްޓަކައެވެ. އަހަރެންގެ ފަޔަށް އެ ފައިވާން ހެޔޮވަރުކޮށްލި ވަގުތު މާދިހު މަޅިއެއްގައި ބެދުނެވެ. ސައިކަލުގެ މަޑިދަށުގައި ޑުރަގު އުފުލަނިކޮށް ފުލުހުންގެ އަތްދަށުވިއެވެ.
"ސާބިތުވެއްޖެއްޔާ ބޮޑު ހުކުމެއް އަންނާނެ މި ފަހަރު،" އަހަރެން ބުނީމެވެ. "ދެން ވެސް މަ ބުނާ ގޮތް ހަދާ!"
"ބޭނުންތަ މަށަށް ހެލްޕްވާން؟" މާދިހު ސުވާލުކުރިއެވެ. "ގޮވާލަންދެން މަޑުކުރޭ!"
އަހަންނަކީ މާދިހަށް ހެޔޮއެދޭ މީހެކެވެ. އެހީތެރިއެކެވެ. މާދިހަކަށް އެ ކަމެއް ނުވިސްނެއެވެ. ދެން ވެސް މާދިހު އިޚުތިޔާރުކުރީ ނުބައި މިސްރާބެކެވެ. އަޑިގުޑަން ގިނަ، އުފަލެއްގެ އުންމީދު ކުޑަ މަގެކެވެ. އެއްރެއަކު ދަންވަރު ބާރަގަޑި ބައިވާން އުޅެނިކޮށް މާދިހު ގުޅިއެވެ. އަހަރެން ހިތަށްއެރިއެވެ. މި ދަންވަރު އޭނަ ކުރަން އެ އުޅެނީ ކޮން ކަމެއްބާއެވެ؟
"ނުކުމެބަލަ ބޭރަށް،" މާދިހު ބުންޏެވެ. "މަ ބުނީމެއްނު ގޮވާލާނަމޭ!"
ނިދަން އޮވެފައި ތެދުވެގެން ދިޔުމުގެ އެއްވެސް ޝައުޤުވެރިކަމެއް އަހަރެންގެ ނެތެވެ. އެހެންނަމަވެސް، ތެދުވީމެވެ. ސުވާލުތައް ބައިވަރު ހުއްޓައި އެއްވެސް ސުވާލެއް ނުކޮށެވެ. އަހަރެން ނުކުތްއިރު މާދިހު އިނީ ޓެކްސީއެއްގެ ޑުރައިވަރު ސީޓުގައެވެ. އެކަމަކު، އޭނައަކީ ޓެކްސީ ދުއްވާ މީހެއް ނޫނެވެ. އަހަރެން ޓެކްސީއަށް އެރީމެވެ. ކާރު ދުއްވައިލިއެވެ.
"އަހަރުމެން މި ދަނީ ކޮން ތާކަށް؟" އަހަރެން އެހީމެވެ.
މާދިހު ޖަވާބެއް ނުދިނެވެ. ގެއެއް ކައިރިއަށް މަޑުކޮށްލައިފައި މާދިހު ކާރުން ފޭބިއެވެ. އަހަރެން ވެސް ފޭބީމެވެ. ހޮރެއް ކަހަލަ ގެއެކެވެ. ހަނި ސަރައްކާލިތަކާއި ދޮރުތައް ގިނަ ގެއެކެވެ. މާދިހު ދޮރެއްގައި ޓަކިޖަހައިލިއެވެ. ވަގުތުން ދޮރު ހުޅުވިއެވެ. އަހަންނަށް ފެނުނީ އިސްކޮޅުން ދިގު، ވަރަށް ހިކިތޮޅި، ކަޅު މީހެކެވެ. އިސްތަށިގަނޑު ދިގެވެ. ތުނބުޅިމަތިމަސް ތުންޏެވެ. އެ މީހަކު އަހަރުމެންނަށް އިންތިޒާރުކުރާ ކަހަލައެވެ. ވަނުމަށް އިޝާރާތް ކުރުމުން އަހަރުމެން އެތެރެއަށް ވަނީމެވެ. އެ މީހާ ދިއްކޮށްލީ މޮހޮރެކެވެ. އާދައިގެ ވަރަށް ވުރެ ތަންކޮޅެއް ދިގު، ފަލަ މޮހޮރެކެވެ.
"އެކަމަކު މި ގަޑީގަ ކިހިނެއް މަގު މެދަށް މޮހޮރެއް ޖަހާނީ؟" މާދިހު ސުވާލުކުރިއެވެ. "ދުއްވާއެއްޗެހި...."
"މި ގަޑި އެންމެ ފަސޭހަވާނީ،" މާދިހުގެ ވާހަކަ ނުނިމެނީސް އޭނަ ޖަވާބުދިނެވެ. "ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްގެން ނޫނީ ކަމެއް ކާމިޔާބެއް ނުވާނެ. ތީ އަތްކަންކުރާ މީހެއް ގާތަށް ގޮސް، ވަރަށް މަސައްކަތުން ތައްޔާރުކުރި އެއްޗެއް. މަގޭ ބައި މި ނިމުނީ. މި ރޭ އަދި ވަރަށް މަސައްކަތް އެބަ އޮތް."
މާދިހު ނުކުންނަން ހިނގައިގަތެވެ. އަހަރެން ވެސް ފަހަތުން ނުކުތީމެވެ.
"މި ފަހަރު ކަލޭ އަރާ ފަހަތަށް،" މޮހޮރު ދީފައި ޓެކްސީއަށް އަރަމުން މާދިހު އެދުނެވެ.
ޓެކްސީ ދުއްވައިލިއެވެ. އަހަރެން އިނީ ނޭނގުމެއްގެ ތެރޭގައެވެ. މޮހޮރުގައި އެއްޗެއް ލިޔެފައި ހުރިކަން އަހަންނަށް އިހުސާސްކުރެވުނެވެ.
"ކާކު އެއީ؟" އަހަރެން އެހީމެވެ. "ކީއްކުރަން ތި އުޅެނީ؟"
"ސިހުރުހަދާ މީހެއް،" މާދިހު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތި މޮހޮރު ގެންގޮސް އޭނަ ބުނި ތަނަށް ޖެހީމަ ދެން މަށެއް ނުބެދޭނެ. ދެން ބަސްޓެއް ވެސް ނުވާނެ."
"އެއީ؟" އަހަރެން ހައިރާންވެފައި އެހީމެވެ.
"މަ ކިޔައިދީފާނަން. ގަބޫލުކުރުމާ ނުކުރުމަކީ މަށާ ބެހޭކަމެއް ނޫން،" މާދިހު އެ ވާހަކަ ކިޔައިދޭން ފެށިއެވެ. "ތި މޮހޮރުގަ ލިޔެފައި ތި އޮތީ، ކިތަންމެ ކުދިކޮށް ނަމަވެސް، އެގްރީމަންޓެކޯ. އެވެނިކަމެއް ކޮށްދޭމަތިން މިވެނި އެއްޗެއް ހިބައިން ޖިންނިއަށް ދޭ ގޮތަށް. އިންސާނަކަށް ސިހުރެއް ހަދަންޏާ، ސިހުރު ޖައްސަން ބޭނުންވާ މީހާގެ ޑީއެންއޭ ހުރި ކޮންމެވެސް އެއްޗެއް މޮހޮރުގައި ހާކައިފައި ނޫނީ އައްސައިފައި ހުންނާނެޔޯ. އެއީ ލޭތިއްކެއް، ކުޅުފޮދެއް، އިސްތަށްޓެއް ނޫނީ ހެދުމެއްގެ ރޮއްޖަކަށް ވެސް ވެދާނެ."
އަހަރެން ނިކަން ރަނގަޅަށް އެ މޮހޮރަށް ބަލައިލީމެވެ. އެ މޮހޮރުގައި ލިޔެފައިހުރި އެއްޗެއް ސާފެއް ނޫނެވެ.
"ބޭނުމަކީ؟" އަހަރެންގެ ކަމަކީ ސުވާލުކުރުމެވެ.
"އެ މަސައްކަތާ ހަވާލުވާ ޖިންނި ވަރަށް ބޮޑާވާނެޔޯ،" މާދިހު ކިޔައިދިނެވެ. "އޭނަ ކިޔައިދިން ގޮތަށް މަ ވެސް މި ކިޔައިދެނީ. އެހެން ނަހަދައި ޖިންނިޔާ ހަވާލުކުރަން އުޅެފިއްޔާ ބުނާނެޔޯ މަށަކަށް ތި ކަމެއް ނުވާނޭ. ކަލޭ ހަމަ ބުނާއިރަށް މަ ވީ މުޅި ރަށުގައި އެނބުރެންހޭ ތި މީހަކު ހޯދަން. ސީދާ އެ މީހަކާ ގުޅުން ހުރި އެއްޗެއް ނޫނީ އޭނަގެ ވަސް ހުންނަ އެއްޗެއް ނަމަވެސް ގެންނާށޭ."
މާދިހުގެ ވާހަކައިން އެނގުނު ގޮތުގައި އަނގޮޅިތަކުގައި ޖިންނީން ފޯރިމަރައެވެ. ވަކި ސަރަޙައްދުތަކެއް ވެރިކޮށްލައިގެން އުޅުމަކީ އިންސީންނާއި ޖަނަވާރުންގެ ތެރޭގައި ވެސް އޮންނަ ކަމެކެވެ. ޖިންނީންގެ ތެރޭގައި ވެސް އެ ކަން އޮންނަނީ އެ ގޮތަށެވެ. ވަކިވަކި ގެ އާއި، ހިސާބުގަނޑާއި، އަވަށާއި، ރަށްރަށުގެ ހަތަރުއަނގޮޅި ވެރިކޮށްގެން އުޅެނީ މާރިދުންނެވެ. އެއީ ޖިންނީންގެ އެންމެ ވަރުގަދަ މަޚްލޫޤެވެ. އެ ހިސާބުގަނޑުގައި އުޅޭ ދަށް ފެންވަރުގެ އެހެން ޖިންނިތައް އުޅޭނީ އެ މާރިދުންގެ އަމުރުވެރިކަމުގެ ދަށުގައެވެ. އެ ތަންތަނުގައި ދިރިއުޅޭ އިންސާނުންނަށް ގޯނާކުރުމަށާއި، އެ ސަރަޙައްދުގައި ހުންނަ ތަނަކަށް ސިހުރެއް ލާން ޖެހުނަސް އެ ކަން ރާވާ ހިންގާނީ އެ މާރިދެވެ. ސިހުރުވެރިން އެހީތެރިކަން ހޯދަނީ އޭނަގެ ފަރާތުންނެވެ. އެ މޮހޮރު އެ ތަނުގައި ހުރިހައި ހިނދަކު އޭގެ ބޭނުން ފުދޭނެއެވެ. މޮހޮރަށް ކަމެއް ވިޔަނުދީ ބެލެހެއްޓުމަކީ މާރިދުގެ ޒިންމާއެކެވެ. އެ ކަން އޭނަ ކުރާނެއެވެ. އެ ވާހަކަތައް އިވުމުން އަހަރެން ކުޑަކޮށް ބިރުގަތެވެ.
"ކިހިނެއް މަގު މެދަށް މޮހޮރެއް ޖަހާނީ؟" އަހަރެން އެހީމެވެ.
"ޖަހަންތާ ޖެހޭނީ،" މާދިހު ޓެކްސީ މަޑުކުރަމުން ބުންޏެވެ. "ދުންކަރާހެއް އޮންނާނެބާ؟"
ސިހުރުވެރިޔާ ބުނި ހަތަރުއަނގޮޅި ކަންމައްޗަށް ޓެކްސީ ހުއްޓިއެވެ. އަހަރުމެން ދެ މީހުން އެކުގައި ފޭބީމެވެ. އެކުވެރިޔާ ދުންކަރާސް ޖަހައިފައި ކާރު ހިއްލައިލިއެވެ. ފުރޮޅު ނައްޓައިލިއެވެ. އަހަރެން އިނީ މީހަކު އާދޭތޯ ބަލާށެވެ. ވަރަށް އަމާން ވަގުތެކެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފުލުސް ކާރެކެވެ.
"ޕޮލިސްޕޮލިސް!" ވައިއަޑުން އަހަރެން ބުނީމެވެ.
"ދެން އެ ދިމާއަށް ކަލޭ ނުބަލާތި!" މާދިހު ލަފާދިނެވެ. "ހާސްކަނޑާލާ!"
ކާރު ކުޑަކޮށް މަޑުކޮށްލައިފައި، ދިޔަ ގޮތަށް ދިޔައެވެ. މަގުގައި ތަން އޮތެވެ. މާދިހު މޮހޮރު ޖަހަން ފެށިއެވެ. ހަމަ ސީދާ ފުރޮޅާ ދިމާއިން ބިންމައްޗަށެވެ. އިސާހިތަކު، ނިކަން ބާރަށް އައި ފުލުސް ސައިކަލެއް ފެނުނެވެ.
"އެބަ އާދޭ ޕޮލިސް!" ވައިއަޑުން އަހަރެން ބުނީމެވެ.
"އެ އަންނަނީ މި ތަނަށް،" މޮހޮރު ޖަހައި ނިންމައިލަމުން މާދިހު ބުންޏެވެ. "ކަލޭ އެއްވެސް ވާހަކައެއް ނުދައްކާތި. މަށަށް އެހީވާކަމަށް ހެދިގެން އިނދޭ."
ފުލުހުންގެ ސައިކަލު ހުއްޓިއެވެ. އެ މީހުން ސައިކަލަކުން ނުފައިބައެވެ. އަހަރެން ގުޑައި ވެސް ނުލައި އިނީމެވެ.
"މަގުގެ އެއްފަރާތަކަށް ޖައްސައިލި ނަމަ...." ފުލުސްމީހާ އެދުނެވެ.
"މި ނިމުނީއޭ،" ފުރޮޅު އަޅުވަމުން މާދިހު ޖަވާބުދިނެވެ. "ދެން ނުވާނެ މާ ގިނައިރެއް. ދުއްވާއެއްޗެއް ނާދެއެއްނު. މަގުތަކުގައި މޮހޮރު ގިނަކަމުން ވާ ގޮތް. ކީއްކުރާނީ؟"
ފުލުހުންނަށް ޝައްކުވިހެން އަހަންނަށް ހީވިއެވެ. އެކަމަކު އެ މީހުން ދިޔައީއެވެ. ކާރުގެ ފުރޮޅު އެޅުވުމަށް ފަހު އަހަރުމެން ނައްޓައިލީމެވެ. ކާމިޔާބުގެ ފޮނި ރަހަ އިހުސާސްކުރަމުންނެވެ.
"މަ ހީކުރި ވަރަށް ވުރެ ވެސް ފަސޭހަ،" ހިތްހަމަޖެހިފައި އިން މާދިހު ބުންޏެވެ. "އެ މޮހޮރު އެ ތަނުގައި ހުރިހައި ދުވަހަކު، މަ ހުންނާނީ މިނިވަންކޮށް. ފުލުހުންގެ ހުވާމަތީގައި ދެމިހުރި އެއްވެސް ފުލުހަކަށް މަ ބަސްޓެއް ނުކުރެވޭނެ. ހިއެއްނުވޭ މަ ފެންނާނެހެނެއް ވެސް."
"ހުވައިމަތީގައި ދެމިނުހުންނަ ފުލުހުންނޯ؟" އަހަރެން އެހީމެވެ.
"އެ މީހުން ގަނެލެވޭނެ،" ކާރުގެ ގިއަރު މަތިކޮށްލަމުން މާދިހު ޖަވާބުދިނެވެ.
މާދިހު އެ މަސައްކަތުގައި ދެމިހުއްޓެވެ. ކުށް ސާބިތެއް ނުވިއެވެ. އޭނާ ފަޅައެއްނާރައެވެ. ހައްޔަރެއް ވެސް ނުކުރެއެވެ. ފުލުހުންގެ ލޯމައްޗަށް އޭނާ ގެއްލިފައިވާ ކަހަލައެވެ. އެކަމަކު ފަހުން ވާނީ ކިހިނެއްބާއެވެ؟ އެ ގޮތުގައި މާދިހަށް ހުރެވޭނީ ކިހާ ދުވަހަކުބާއެވެ؟ އެއީ، އަހަރެން ހިތަށްއެރި ދެ ސުވާލެވެ. އަހަރެންގެ ހިތް ބުންޏެވެ. ސިހުރަކީ ޙައްލެއް ނޫނެވެ. ލަހެއް ނުވެ އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނެވެ. މާދިހު އެ މޮހޮރު ޖެހިތާ އަހަރެއް ނުވަނީސް ހައްޔަރުކުރިއެވެ. އަހަރެން ހިތަށްއެރިއެވެ. މާދިހު ޖެހި މޮހޮރަށް ވީ ގޮތް ބަލައިލާނަމެވެ. އެ ހިސާބަށް ދިޔައިރު އެ މަގު އޮތީ ބަންދުކޮށްފައެވެ. މޮހޮރެއް ނެތެވެ. މަގުގެ މެދު އޮތީ ކޮނެފައެވެ. (ނިމުނީ)
މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.