ފުރަތަމަ ޑިވިޝަނަށް އަމާޒުކޮށް ޖޭޭޖޭ ސްޕޯޓްސް ވަރުގަދަކޮށްފި
ފުރަތަމަ ޑިވިޝަނަށް އަމާޒުކޮށް ޖޭޭޖޭ ސްޕޯޓްސް ވަރުގަދަކޮށްފި

އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށް އަމާޒުކޮށް ޖޭޖޭ ސްޕޯޓްސް އިން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފި އެވެ.

ޖޭޖޭ ސްޕޯޓްސް އަކީ 2011 ވަނަ އަހަރުން ފެށިގެން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެކެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރުތަކާ ހިލާފަށް މި އަހަރު އެ ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

ޖޭޖޭއާ ގުޅުނު ބިދޭސީ ކުޅުންތެރިންނަކީ ސްޕެއިނުގެ މިޑްފީލްޑަރު ފްރާންސިސްކޯ މެހިއަަސް ނޯޔާ، ޑެންމާކުގެ ފޯވާޑް ޖެސްޕާ ވިލިއަމް، ސްރީ ލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ކަވީޝް ފެނާންޑޯ އަދި ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރު ރަފައެލް ޑި ލީމާ ކަމަރާ އެވެ.

މީގެ ތެރެއިން ޖެސްޕާ އަކީ ޑެންމާކްގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ރަފައެލް މިދިޔަ އަހަރު ކުޅުނީ ފްރާންސް ތިން ވަނަ ޑިވިޝަނުގެ ކްލަބް އޭއެސް ބިއޭޒިއެސް އަށެވެ. އޭގެ ކުރިން އޭނާ ވަނީ ޕޮލެންޑުގެ ވިސްލާ ޕުލާވީ އަށް ކުޅެފަ އެވެ.

މިދިޔަ އަހަރު ވެސް ދެ ވަަނަ ޑިވިޝަނުގައި ވާދަކުރި ކްލަބްތަކަށް ވަނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެފައިތިބި ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން ކުރިން އީގަލްސް އާއި ވެލެންސިއާ އަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް މި ފަހަރު ފެންނާނީ ދެ ވަނަ ޑިވިޝަނުގެ ދަ ގޭންގުންނެވެ.

ދެ ވަނަ ޑިވިޝަން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގަ އެވެ. ދެވަނަ ޑިވިޝަންގެ 10 ކުލަބަކަށް ފައިސާގެ އެހީ ދޭން ނިންމާފައިވަނީ އެމްޕީއެލް އާއި ޕޯސްޓް ލިމިޓެޑުންނެވެ.

ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ލިބޭނީ މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕް އަދި މި އަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބޭ ހަތަރު ޓީމު ކުޅޭ މާލޭ ލީގު ކޮލިފައިން ބުރުގެ ގަދަ ހަތަރަކަށެވެ.