ކޮވިޑް-19ގެ ތެރޭގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރު ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފި އެވެ.
ރިޝްވާންގެ މައްޗަށް ތަހުގީގު ހިންގުމަށްފަހު، އެ މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އޭސީސީން މަސައްކަތް ކުރަމުން ދާއިރު، އެ މައްސަލަ މިހާރު ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިނެވެ.
ނަމަވެސް އޭނާއަށް ދައުވާކުރަން އެދެނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ޑިއުޓީ ޕްރޮސިކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ހުށަހަޅާ މައްސަލަތައް ޕީޖީ އޮފީހަށް ބަލައިގަތުމުގެ ކުރިން، ކުރިއަށް ގެންދާ މަރުހަލާއެކެވެ. ނަމަވެސް މައްސަލަ ރަސްމީކޮށް ފޮނުވާނީ ޑިއުޓީ އެ މަރުހަލާ ނިމި، އެ އޮފީހުން ފިޔަވަޅެއް އެޅޭ މިންވަރަށް ތަހުގީގު ފުރިހަމަވުމުންނެވެ.
މިހާރު އެމްޕީއެލްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ރިޝްވާނަކީ ކުރިން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 2011 ވަނަ އަހަރު އެވެ.
މީގެކުރިން އޭސީސީން ވަނީ ކޮވިޑް-19ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ނުވަތަ ކެމިކަލް ހޯދަން އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އަދި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ.
އަލީ ލަތީފަކީ އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުގައި އެ ކުންފުނީގެ ޑިރެކްޓަރު ޑރ. ލަތީފްގެ މައްޗަށް ދައުވާކުރަން އިއްޔެ މީރާއިން ވެސް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.