ބޯޑޯ (ޖެނުއަރީ 21) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި މެންޗެސްޓާ ސިޓީ، ނޯވޭގެ ބޯޑޯ/ގްލިމްޓް އަތުން ނޯވޭގައި 3-1 އިން ބަލި ވެއްޖެ އެވެ.
ފުރަތަމަ ހާފުގައި ކެސްޕާ ހޯގް ދެ ގޯލުގެ ލީޑެއް ގްލިމްޓް އަށް ނަގައިދިން އިރު 58 ވަނަ މިނިޓުގައި ޖެންސް ޕެޓާ ހޯގް ވަނީ ތިންވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން ރަޔާން ޗާކީ ސިޓީއަށް ގޯލެއް ޖަހައިދިން ނަމަވެސް އޭގެ ދެ މިނިޓް ފަހުން މިޑްފީލްޑަރު ރޮޑްރީ އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމު މެޗުގެ ބާކީ ބައި ކުޅުނީ އެކަކު މަދުކޮށެވެ.
"އަހަރެންނަށް އެނގޭ ކިހާ މޮޅު ޓީމެއް ކަން އެއީ، އަހަރެން އެ މީހުން އަންޑަ އެސްޓިމޭޓް ނުކުރަން. އެ މީހުން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ސެމީ ފައިނަލް ކުޅުނު. އެކަން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ އެ މީހުން. އަހަރެމެންގެ މުހިއްމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގަ. އަހަރެމެން ހަނގުރާމަ ކުރީ 10 ކުޅުންތެރިން 11 ކުޅުންތެރިންނާ ދެކޮޅަށް،" މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
"އަހަރެމެންގެ ވައްޓަފާޅި ބަދަލު ކޮށްލަން ޖެހޭ ދެން އޮންނަ މެޗަށް، އެއީ ވުލްވްސް އާއި ގަލަތަސަރާއި އާ ދެކޮޅަށް ވެސް."
ގްލިމްޓްގެ ދަނޑަކީ ޔޫއެފާ މުބާރާތްތަކުގައި އަވޭ ޓީމްތަކަށް ނަތީޖާ ނެރެން އުނދަގޫ ދަނޑެކެވެ. އޭގެތެރެއިން އެންމެ މަގުބޫލުވި އެއް މެޗަކީ 2022 ގެ ކޮންފަރެންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ހޯޒޭ މޮރީނިއޯގެ އޭއެސް ރޯމާ އަތުން 2-1 އިން މޮޅުވި މެޗެވެ. ދެވަނަ ލެގުގައި ބަލިވެގެން މުބާރާތުން ކެޓި ނަމަވެސް އެ ޓީމު ވަނީ އެ ފަހަރު މުބާރާތާއި ކޮލިފައިން ބުރުގެ މެޗުތަކުން ވެސް ހޯމް މެޗުތައް ކާމިޔާބު ކޮށްފަ އެވެ.
ނަމަވެސް މިއީ މި ސީޒަންގައި އެ ޓީމު ޗެމްޕިއަންސް ލީގުގައި މޮޅުވި ފުރަތަމަ ހޯމް މެޗެވެ. ލީގު ބުރުގައި ބާކީ އެއް މެޗު އެ ޓީމަށް އޮތް އިރު، ނޮކައުޓް ބުރަށް ދެވޭނެ ކަމުގެ މާ ބޮޑު އުންމީދެއް އެ ޓީމަކަށް ނެތެވެ.
މިއީ ސިޓީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ބަލިވި ދެވަނަ މެޗެވެ. އެންމެ ފަހުން ސިޓީ ލީގުގައި ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. މީގެ ތެރެއިން މޮޅު ވެފައި ވަނީ އެފްއޭ ކަޕާއި ލީގް ކަޕްގައި ކުޅުނު މެޗުންނެވެ.