ފުޅާ ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ އަންވަރު ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ނެރުއްވި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ އެ މަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލީ އެވެ.
އެ އަމުރު ނެރުއްވަމުން ގާޒީ ފާއިޒު ވިދާޅުވެފައިވަނީ އަންވަރު ހައްޔަރުކޮށް ހައްޔަރާ މެދު ގޮތެއް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަންހުރި ކަމަށް ބެލެވޭތީ، އަންވަރު ބަންދުން ދޫކޮށްލާ ކަމަށެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާޒީ ފާއިޒުގެ މައްސަލަ ބަލައި، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
ހައި ކޯޓުން ފާއިޒުގެ އަމުރު ބާތިލްކޮށް މިއަދު ނެރުނު ހުކުމްގައި ބުނީ އަލީ އަންވަރު އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައެޅުމަށްފަހު ކަމަށެވެ. ދެވަނަ ފަހަރަށް އޭނާ ބަންދުގައި ބެހެއްޓުމަށް އެދުމުން، ހައްޔަރު ކުރި އިޖުރާއަތު ގޯސްކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަލީ އަންވަރު ދިރިއުޅޭ މާލޭގެ ގެއިން މަސްތުވާތަކެތި ވިޔަފާރި ކުރަން އާންމުކޮށް ގެންގުޅޭ އާލަތްތަކުގެ ތެރެއިން ޑިޖިޓަލް ކައްޓާއާއި ހުސް ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ.
ކުރީގެ ގާޒީ ފާއިޒު، އެއްވެސް ޝަރުތަކާ ނުލައި އަލީ އަންވަރު ދޫކޮށްލުމާ އެކު އޭނާ ހައްޔަރު ކުރަން ފުލުހުން އާ އަމުރެއް ހޯދި އެވެ. އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.
އަލީ އަންވަރު ކުރިން ހައްޔަރުކުރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.