އަދާލަތު ޕާޓީއަށް ރައީސަކު ހޮވަން މިމަހުގެ 31 ގައި ބާއްވަން ނިންމާފައިވާ އިންތިހާބު ބޮއިކޮޓްކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ނިންމަވައިފި އެވެ. 

އަދާލަތު ޕާޓީގެ ރައީސްކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައި ވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ އިކްރާމްގެ އިތުރުން އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާނެވެ.

އިކްރާމްގެ ފަރާތުން މީގެ ކުރިން ވަނީ އެ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިންގައި ބޭނުންކުރަން ނިންމާފައި ވާތީ އެއީ  އެ ޕާޓީގެ މިހާރުގެ ލީޑަޝިިޕުން މަކަރު ހަދާފާނެ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ވެސް އެދިފަ އެެވެ. 

އެ މައްސަލާގައި އޭރު ޕާޓީން ބުނެފައި ވަނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީގެ ދުސްތޫރާއި އިންތިހާބަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެ ޕާޓީ އެތެރޭގައި ހަދާފައިވާ ގަވައިދު އޮތްގޮތުން ފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އެ މައްސަލާގައި އިކްރާމް ނެރުއްވި ބަޔާނެއްގައި ބުނީ އެ އިންތިހާބުގައި ބައިވެރި ނުވުމަށާއި އިންތިހާބު ބޮއިކޮޓްކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ޕާޓީގެ ފަރާތުން އިންތިހާބާ ގުޅިގެން ކުރަމުން ގޮސްފައިވާ ހުރިހާ ކަމަކީ ވެސް ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އަމަލުކުރަމުންދާ ދިމިގްރާތީ ހަމަތަކާއި ދެފުށް ފެންނަ އަދުލު އިންސާފުގެ އުސޫލުތަކާ ވެސް ހިލާފަށް ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ހިންގާ ކަމެއް ކަމަށެެވެ. 

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާން (ކ) އަދި އިކްރާމް

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާން (ކ) އަދި އިކްރާމް

އޭނާ ވިދާޅުވީ ތަކުރާރުކޮށް އެދުމުން ވެސް، ވޯޓުފޮށި ބަހައްޓައިގެން، ޕާޓީގެ އާއްމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު ޕާޓީގެ މެންބަރުންނަށް ނުދިން ކަމަށެވެ. 

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން، ވޯޓުލެވޭ މެންބަރުންގެ ލިސްޓު ދިނުމަށް އެދުމުން އެ ބަލައި ވެރިފައިކުރުމުގެ ފުރުސަތު ނުދޭން ވެސް ޕާޓީން ނިންމާފައިވާ ކަމަސް ވެސް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް އެހެން ވިދާޅުވެފައިވަނީ ޕާޓީގެ މެންބަރުންގެ ފޯނު ނަންބަރާ އެކު އޮތް ލިސްޓެއް ދިނުމަށް އެދުމުން، އެއީ މެންބަރުންގެ ޒާތީ މައުލޫމާތު ކަމަށް ބުނެ ފޯނު ނަންބަރާ އެކު ލިސްޓު ނުދޭން ޕާޓީން ނިންމާފައި ވާތީ އެވެ.

ކުރިއަށް އޮތް ދައުރަށް ޕާޓީގެ ގޮފިތަކާއި އަދި ދާއިރާތަކަށް މީހުން އައްޔަންކުރުމުގައި އަދާލަތު ޕާޓީގެ ފަރާތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް، ޕާޓީގެ އިދާރާގައި ތިއްބަވާ ބޭފުޅުން ބޭނުންވާ ބަޔަކު އިންތިހާބަކާނުލައި މަގާމުތަކަށް ހަމަޖެއްސާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވައިފަ އެވެ. 

އިކްރާމް ވިދާޅުވީ ލިޔެކިއުންތައް ފުރިމަނުކުރާތީ ޝަރުތު ފުރިހަމަނުވާ ވަރަށް ގިނަ މީހުންނާއި، މަގާމުތަކަށް ކުރިމަތި ލުމަށް ރުހުން ނުދީ ތިބި ޕާޓީގެ ގިނަ މެންބަރުންތަކެއް، ދާއިރާ އަދި ގޮފީގެ ރައީސުންގެ ގޮތުގައި އިންތިހާބަކާއި ނުލައި ހަމަޖައްސާފައިވާ ކަމަށެވެ. 

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މިހާރު ހިނގަމުން މިދާ ދައުރުގެ ރައީސަކު ހޮވުމަށް އޮންލައިންކޮށް ބޭއްވި އިންތިހާބުގައި ވެސް ޕާޓީގެ އިދާރާގެ ތެރެއިން މަކަރާއި ހީލަތް ހަދައި ވޯޓު އޮޅުވާލާފައިވާ ކަމުގެ މައުލޫމާތު އާއްމު މެންބަރުންތަކެއްގެ ފަރާތުން ލިބިފައިވެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އައި.ސީ.ޓީ ދާއިރާގެ ޕްރޮފެޝަނަލް އެކްސްޕާޓުންގެ ޓީމަކުން އެކަން ބަލައި ތަހުގީގުކުރުމުން އެނގިގެން ދިޔައީ މި އިންތިހާބުގައި ވެސް ވޯޓުލުމަށްޓަކައި އަދާލަތު ޕާޓީގެ ފަރާތުން ކަސްޓަމައިޒް ކޮށްފައިވާ މޯބައިލް އެޕްލިކޭޝަނަކީ ޕާޓީގެ އޮފީހުގައި ތިބެ ސިސްޓަމްގެ ތެރެއަށް ވަދެ ބޭނުންގޮތަކަށް ވޯޓާ ކުޅެވޭގޮތަށް އޮތް އެއްޗެކެވެ.  

އެކަމަކު އަދާލަތު ޕާޓީން ބުނެފައިވަނީ ވޯޓުލާން ބޭނުންކުރަނީ ރާއްޖޭގައި އިތުބާރު ލިބިފައިވާ އަދި އެކި އިދާރާތަކުގައި ވޯޓު ލުމަށް ބޭނުންކުރާ "ފަހި ވޯޓް" އެވެ. 

އޭނާ ވިދާޅުވީ އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ގެންދިއުމަށް އީސީން ވެސް ޕާޓީއަށް އަންގާފައިވަނިކޮށް އެ އެންގުމާ ހިލާފަށް ހަރުކަށިކަން ދައްކައި އެއިން ކަމަކަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. 

އިކްރާމް ވިދާޅުވީ މަޝްވަރާނުކޮށް "އެކުވެރިކަމުގެ ރިވެތި އުސޫލު ދޫކޮށް ހަމަ ބުއްދީގެ މަގުން އެއްކިބާވެތިބެ އިންތިހާބު ކުރިއަށް ގެންދިއުމަށް ގަދަބާރުން ނިންމާފައިވާތީ" އެ އިންތިހާބުގައި ވާދަނުކުރަން ނިންމީ ކަމަށެވެ.

އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

އަދާލަތު ޕާޓީގެ ރައީސް ކަމަށް ދެން ކުރިމަތިލެއްވި ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލު ކުރައްވާފައިވެ އެވެ.