ދިވެހި ދައުލަތާ ވަކިވެ، ރާއްޖޭގެ ދެކުނުގައިި ގާއިމުކުރި ސުވައިދީބްގެ ރައީސްކަން ކުރެއްވި އައްޑޫ އަބްދުﷲ އަފީފް ދީދީގެ ހުވަފަތް އަނބިކަނބަލުން އަނީސާ އަލީ ދީދީގެ ހާލު ސީރިއަސްވެ، ސީޝެލްސްގައި ފަރުވާ ދޭން ފަށައިފި އެވެ.

އަފީފް ދީދީ އަކީ ރާއްޖޭގެ ދެކުނުގައިި ސުވައިދީބްގެ ނަމުގައި ވަކި ވެރިކަމެއް ގާއިމްކުރުމުން ދިވެހި ސަރުކާރުން ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސް އަށް ގެންދިޔަ ބޭފުޅެކެވެ. އޭނާގެ އާއިލާ އޭރުއްސުރެ އެ ގައުމުގައި ދިރިއުޅުއްވިއަސް ބައެއް ބޭފުޅުން ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. 

ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ، މާ ބޮޑު ތަފްސީލެއް ނުދެއްވައި ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ސީޝެލްސްގެ އައިސީޔޫގައި އަނީސާއަށް އަންނަނީ ފަރުވާ ދެމުންނެވެ. އެހެންވެ، ހެޔޮ ދުއާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ސީޝެލްސްގެ ނައިބު ރައީސްކަން ފާއިތުވި ފަސް އަހަރު ފުރުއްވި އަހުމަދު އަފީފަކީ ވެސް އެ ދެ ކަނބަލުންގެ ބޭފުޅެކެވެ. 

އޭނާ ވަނީ އޮކްޓޯބަރު 27، 2020 އިން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ސީޝެލްސްގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ.

ސީޝެލްސްގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް އަފީފް ދީދީ އަވަހާރަވީ 1993 ވަނަ އަހަރު، އުމުރުން 76 ހިސާބުގަ އެވެ. އޭރު އެ ގައުމުގައި ދިރިއުޅުއްވާތާ 30 އަހަރުވެއްޖެ އެވެ.