ސިފައިންނާއި ފުލުހުން އަދި ސިވިލް ސާވިސް މަގާމުތަކުން ރިޓަޔާކޮށްފައިވާ މީހުން ދައުލަތުގެ އެހެން މަގާމެއް އަދާކުރާނަމަ ނުވަތަ އެފަދަ މަގާމަކުން ވަކިވެފައިވާނަމަ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެކަން އަންގަން އެ އޮފީހުން އެދިއްޖެ އެވެ. 

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިނާޔަތް ލިބޭ ގޮތަށް ރިޓަޔާކޮށްފައިވާ ފަރާތެއް، މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާ ނަމަ، ރިޓަޔާމެންޓް އިނާޔަތްތައް އެ މަގާމުގެ މުއްދަތުގައި މެދުކަނޑާލާނެ ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންގެ ގަވައިދާއި ސިވިލް ސާވިސްގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށް އެ އިއުލާނުގައިވެ އެވެ.  

އެ އުސޫލަށް އަމަލުކުރަން ފަށާފައިވާތީ އެފަދަ ފަރާތްތަކުގެ އިނާޔަތްތައް މިމަހުން ފެށިގެން މެދުކަނޑާލާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް އަލުން އިނާޔަތް ދޭން ފަށާނީ ފަހުން އަދާކުރަން ފެށި މަގާމުން ވަކިވުމުން ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

"ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން 2026 ޖަނަވަރީ މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން މިއޮފީހަށް އެ މައުލޫމާތު ހިއްސާކުރުމަށް ދަންނަވަމެވެ،" ޕެންޝަން އޮފީހުގެ އިއުލާނުގައި ބުންޏެވެ.

ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު، އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމްތަކަށް މިދިޔަ އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންނާއި ސިވިލް ސާވިސްއިން ރިޓަޔާ ކުރުމަށްފަހު ދައުލަތުގެ އެހެން މަގާމެއް އަދާކުރާނަމަ އެ މުއްދަތުގައި އިނާޔަތްތައް ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރު އެވެ. އެހެންވެ، އެގޮތަށް ގަވާއިދުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.