ސްޕެއިންގައި ހައި-ސްޕީޑް ރޭލެއް މަގުން ކައްސާލައި އެހެން ރޭލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 39 މީހަކު މަރުވެ 120 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ސްޕެއިންގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމަށާއި މިއީ "ވަރަށް އާދަޔާ ހިލާފް" ހާދިސާއެއް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ރޭލު އެކްސިޑެންޓެއްގައި މި ފަހުން އެންމެ ގިނަ ބަޔަކު ސްޕެއިންގައި މަރުވީ 2013 ވަނަ އަހަރު އެވެ. ރޭލު ދުއްވާ މަގެއްގައި ލަނބާލަން އޮންނަ ހިސާބަކުން މަގުން ކައްސާލައިގެން ހިނގި އެ އެކްސިޑެންޓުގައި 80 މީހަކު މަރުވި އެވެ.
އިއްޔެ އެކްސިޑެންޓު ހިނގީ މަލާގާއިން މެޑްރިޑަށް ދަތުރުކުރި ރޭލެއް މަގުން ކައްސާލި ވަގުތު، ކުރިމަތިން އައި ރޭލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި މަރުވި ކަމަށް އެންމެ ފުރަތަމަ ބުނީ 21 މީހެކެވެ. އެކަމަކު ފަހުން މި އަދަދު 39 އަށް މަތިވެފައި ވާއިރު ޒަހަމްވި މީހުންގެ ތެރޭގައި ވެސް ހާލު ސީރިއަސް 24 މީހަކު ހިމެނޭ ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ޓްރެކްގައި ސީދާކޮށް އޮންނަ ބައެއްގައި ކަމަށާއި މިއީ ވަރަށް ފަހުން މަރާމާތު ވެސް ކޮށްފައިވާ ބައެއ ކަމަށެވެ.
"މި ހާދިސާއާ މެދު ރެއިލް އެކްސްޕާޓުން ތިބީ ވަރަށް ހައިރާންވެފައި. މިއީ ވަރަށް އަޖައިބެއް ކަހަލަ ގޮތަކަށް ހިނގި އެކްސިޑެންޓެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސްޕެއިނަކީ ޔޫރަޕްގެ އެންމެ ބޮޑު ހައި-ސްޕީޑް ރޭލް ނެޓްވޯކް އޮންނަ ގައުމެވެ. އެ ގައުމުގައި މެޑްރިޑް، ބާސެލޯނާ، ސެވިލް، ވެލެންސިއާ އަދި މަލާގާ ފަދަ ބޮޑެތި ސިޓީތައް ގުޅުވައިދޭ 3،000 ކިލޯމީޓަރު (1،800 މޭލު) ގެ ދިގު ޓްރެކެއް އޮވެ އެވެ. -- އޭއެފްޕީ