މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އިއްޔެ ހުޅުވާލާފައިވާއިރު ފުރަތަމަ 24 ގަޑިއިރު ތެރޭގައި ބިމާއި ފްލެޓަށް އެދި 500 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފްލެޓަށް އެދި 399 މީހަކު އަދި ބިމަށް އެދި 119 މީހަކު ކުރިމަތިލާފައިވެ އެވެ. އަދި ޑްރާފްޓް ސްޓޭޖުގައި 3836 އެޕްލިކޭޝަން ދައްކާ ކަމަށް މިނިސްޓްރީން ބުންޏެެވެ. 

އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ. 

"އާއިލީ ބޯހިޔާވަހިކަން" ގެ ނަމުގައި ހިންގާ އެ ސްކީމުގައި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. 

ފްލެޓު:

- ޖުމްލަ 7،900 ފްލެޓް. 

- މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް

- މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް

- ބާކީ 2،400 ފްލެޓު ކަނޑައަޅާފައި ވަނީ ހާއްސަ ކެޓަގަރީތަކަށެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިން އަދި ދައުލަތުގެ މުއައްސާތަކާއި ޓެކްސީ ޑްރައިވަރުންނާއި ޓޫރިޒަމް ދާއިރާގައި އުޅޭ މީހުންނާއި މަސްވެރިން އަދި ޒުވާނުން ފަދަ ފަރާތްތައް ހިމެނޭ. 

ބިން:

- ޖުމްލަ 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ.

- މާލޭގެ ރަށްވެހިންނަށް 10،000 ގޯތި.

- އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯތި. 

- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި.

- ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި.

- މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި. 

- މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތި ގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި. 

- މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި.

ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ހުޅުވާލައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވީ ފްލެޓާއި ގޯތީގެ މަސައްކަތްތައް މި ދައުރުގައި ނިންމައި، ހަވާލުކުރާނެ ކަމަށެވެ. 

މި ސަރުކާރުން މާލޭ ސަރަހައްދުގައި ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ހުޅުވާލިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމެވެ.