ދަތުރުދާ ރަށެއް ކޮންމެ އަތޮޅެއްގައި ހަދަން ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ. 

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރަން ވާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް، ސަރުކާރުން ތަރައްގީކޮށްދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު އޯގަސްޓް މަހު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ. 

އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމުން ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

"މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ގެސްޓް ހައުސްތަކާއި އެކަހަލަ ކަންކަމަށް، ގެސްޓުންނަށް ޕިކްނިކް ދާން ހާއްސަ ކުރާނަން،" ރައީސް ވިދާޅުވެފައިވެ އެވެ.

"ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުސަތު ނެތް އާއިލާއާ އެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ،" ރައީށް ވިދާޅުވި އެވެ.

ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ހެދުމުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.