ބިލިއަނަރުންގެ މިލްކިއްޔާތު މިދިޔަ އަހަރު ޖުމްލަ ގޮތެއްގައި ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށާއި މިއީ ސިޔާސީ ގޮތުން ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމްގައި، ޗެރިޓީ ޖަމިއްޔާ އޮކްސްފަމް އިން ބުނެފި އެވެ.
އެންމެ ބޮޑެތި މުއްސަނދިންގެ މުއްސަނދިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން 16.2 ޕަސެންޓް އިތުރުވެ، އޭނާގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރު 18.3 ޓްރިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ފޯރަމްގައި އޮކްސްފަމް އިން ޝާއިއުކުރި އެ ޖަމިއްޔާގެ އަހަރީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
"ޓްރަމްޕުގެ ވެރިކަމުގައި ރެގިއުލޭޓްކުރުމުގެ ކަންކަން ދޫކޮށްލުމާއި ކޯޕަރޭޓް ޓެކްސް އިތުރުކުރުމަށް ހުރި އެއްބަސްވުންތަކަށް ލުއި ދިނުން ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މަހުޖަނުންނަށް ވެސް ވަނީ ފައިދާ ބޮޑުވެފައި،" އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން މުޅި ދުނިޔޭގައި ބިލިއަނަރުންގެ އަދަދު މިހާރު ވަނީ ފުރަތަމަ ފަހަރަށް 3،000 އަށް ވުރެ އިތުރުވެފަ އެވެ. މީގެ ތެރެއިން އެންމެ މުއްސަނދި 12 މީހުންގެ މިލްކިއްޔާތު މުޅި ދުނިޔޭގެ އެންމެ ފަގީރު އެންމެންގެ ދެ ބައިކުޅަ އެއްބައިގެ މިލްކިއްޔާތަށް ވުރެ ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

އިކޮނޮމިކް ފޯރަމް ކުރިއަށްދާއިރު އެތަނުގެ ބޭރުގައި މީހުން މުޒާހަރާކޮށް ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
މުއްސަނދި ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކެވެ.
އޮކްސްފަމް އިން ބުނީ މަހުޖަނުންގެ މި ފައިސާވެރިކަމުން "ސިޔާސީ ބާރުވެރިކަން ގަތުން" އިތުރުވަމުންދާ ކަމަށެވެ. މިކަމުގައި ނޫސްތަކާއި މީޑިއާތައް އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުން ފާހަގަކުރަމުން މަސްކް ޓްވިޓާ ގަތުމާއި އެމެޒޮންގެ ވެރިޔާ ޖެފް ބެޒޯސް ވޮޝިންޓަން ޕޯސްޓް ގަތުން ފާހަގަކޮށްފައިވެ އެވެ.
"މަހުޖަނުންނާއި ދެން ތިބި މީހުންނާ ދެމެދު އޮތް ފަރަގު ބޮޑުވަމުން ދާއިރު ވަރަށް ނުރައްކާ އަދި އޮވެގެން ނުވާނެ ހުސްކަމެއް މި ދެމެދުގައި ދަނީ އުފެދެމުން،" އޮކްސްފަމްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބޭހަރް ވިދާޅުވި އެވެ.
މި ފޯރަމްގައި އެމެރިކާގެ ރައީސް ޓްރަމްޕު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭނާ ބައްދަލުވުމަށް ވަޑައިގަންނަވަނީ އެންމެ ބޮޑު އެއް ވަފުދާ އެކު ކަމަށް ވާއިރު މަޝްވަރާތަކުގައި އޭނާގެ އަޑު ގަދަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ