މާލޭ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ޖަގަހަ ހުޅުވީ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ޕީއެންސީ އޮފީހުގެ ތިރީބައިގަ އެވެ.
ޖަގަހަ ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫސާ އަލީ ޖަލީލުގެ އިތުރުން ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ އެއީ ހަމައެކަނި އޭނާގެ ކެމްޕެއިން މަސައްކަތް އޮފީސް ނޫން ކަމަށެވެ. އަދި އަންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް އެތަން ބޭނުން ކުރެވޭނެ އޭނާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރުގެ ރޭހުގެ ވާދަ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ. ދެން ވާދަ ކުރައްވަނީ ކުރީގެ ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު އެވެ.
އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރައްވައި، ފެބްރުއަރީ، 2012 ގައި ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލަށް ވަނީ ނޮވެމްބަރު، 2024 ގައި ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މޫސާ އަލީ ޖަލީލަށް އެ އިއްޒަތް އެރުއްވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓެވުމަށްޓަކައި ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވަ އެވެ.