04 އެޕްރީލް 2017 - 19:27

ސިފައިންގެ ތިން އޮފިސަރަކު ބްރިގޭޑިއާ ޖެނެރަލް ކަމަށް އަދި ކާނަލްގެ ރޭންކަށް ދެ ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި، ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް ބަދަލުކުރީ އަބްދުއްރަހީމް އަބްދުއްލަތީފާއި ވައިސް ވަހީދު އަދި ހާމިދު ޝަފީގެވެ. މި ތިން އޮފިސަރުން ވެސް މިހާތަނަށް ތިއްބެވީ ކާނަލްގެ ރޭންކުގަ އެވެ.
ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް އަލަށް ހަމަޖެއްސި ތިން އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ ސިފައިންގެ ވެރިޔާ ރައީސް އަބްދުﷲ ޔާމީނެވެ.
ކާނަލްގެ ރޭންކަށް ބަދަލު ކުރީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައި މިހާތަނަށް ތިއްބެވި އަހުމަދު ގިޔާސް އާއި ޑރ. އަލީ ޝާހިދު މުހައްމަދު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ދެ ސިފައިންނަށް މަގާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގަތެވެ.