ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ
ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފި އެވެ.

އެއީ އަލަށް ވިޔަފާރިއެއް
ފަށަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި
މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި 48 ގަޑިއިރަށް ބާއްވާ ހެކަތޯންއެކެވެ.

އެ ހެކަތޯންގެ މެދުވެރިކޮށް ޒުވާން އުފެއްދުންތެރިންތަކެއް
އެއް ތަނަކަށް ގެނެސް އެ ފަރާތްތަކުގެ އުފެއްދުންތެރި
ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ އެވެ.

އޭގެ އިތުރުން އުފެއްދުންތައް އުފެއްދުމުގެ ހުރިހާ
މަރުހަލާއަކުން ފެށިގެން ތައާރަފްކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ
ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ލިބޭނެ އެވެ.

މީގެ ކުރީގެ ހެކަތޯންތަކާއި ހިލާފަށް  ޖެންއޭއައި ހެކްގައި
ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެކެވެ. އަދި  ހެކަތޯންގެ ބައިވެރިން
އުފައްދާނީ އެ ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ
ޕްރޮޑަކްޓްތަކެވެ. މި ހެކަތޯންގެ
ކޯ-ޕާޓްނަރަކީ ސިނެޓެކްސްއެވެ.

އެ ހެކަތޯންގައި "ނޯ ޝިޕިން، ނޯ ޕިޗިން"
ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ
ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފް ކުރަން ޖެހޭނެ އެވެ. ސްލައިޑް
ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ
ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ.

ޖެންއޭއައި ހެކަތޯންއާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް
އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި އެ ވަސީލަތްތައް ބޭނުން ކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭ.އައިގެ އެހީގައި ހައްލުތައް ހޯދައި ތަކެތި އުފެއްދުމަށާއި އެ އުފެއްދުންތައް ތަޖުރިބާކޮށް ތައާރަފް ކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ހެކަތޯންއާ ގުޅޭގޮތުން ސްޕާކްހަބްގެ
ސީއީއޯ އަދި ކޯ ފައުންޑާ ހުސައިން ޖިނާން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ވެސް އާ ވިޔަފާރިވެރިން ދަނީ އޭއައި ބޭނުންކޮށްގެން ހަލުވިކަމާއެކު ޕްރޮޑަކްޓްތައް އުފައްދަމުން ކަމަށެވެ. އެހެންވެ، އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެންއޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން ކަމަށް ވިދާޅުވި އެވެ. 

ޖެންއޭއައި ހެކް 2026 ބޭއްވުމަށް
ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހަށެވެ. އެ ހެކަތޯންގައި
ބައިވެރިވުމުގެ ފުރުސަތު ވަނީ 3 އާއި 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވާލައިފަ އެވެ.
އެ ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މި ހެކަތޯންގައި https://genaihack.io/ އިން ބައިވެރިވެވޭނެ އެވެ.