ގިނަ ރަށްރަށުގައި ހަލާކުވެފައި ހުރި އެމްބިއުލާންސްތަކުގެ ބަދަލުގައި އާ އެމްބިއުލާންސްތައް ހޯދައި ހަވާލުކޮށްފި އެވެ. 

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވީ އެ ތަންތަނުގެ އިސްވެރިންނެވެ. 

މި ވަގުތު އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެމްބިއުލާންސްތައް ގެންނަން މިދިޔަ އަހަރު ހަވާލުކުރީ އެމްޕީއެލްއާ އެވެ. އެއީ 65.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. 

ތިން ބުރަކަށް ބަހާލައިގެން އެ ކުންފުނިން މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

"މިއީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ
އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސްތަކެއް،" އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 

މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތަކަކާއި މާލެ ސަރަހައްދުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ
10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް އެ ހިދުމަތް ވެސް ފަށާނެ ކަމަށެވެ.