04 އެޕްރީލް 2017 - 18:57

ފަހު ސިކުންތުކޮޅުގެ ތެރޭގައި އިނގިރޭސި ޑިފެންޑަރު ޖޯން ޖޯންސަން ވައްދާލި ލަނޑާ އެކު 1-0 އިން މާޒިޔާ ބަލިކޮށް އޭއެފްސީ ކަޕުގެ ގްރޫޕް އީ ގެ އެއް ވަނައިގައި އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ފުރަތަމަ މެޗުން އިންޑިއާގެ މޯހަން ބަގާން އަތުން މޮޅުވި ބެންގަލޫރު އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން މޮޅުވި މާޒިޔާ ތިން ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު މޯހަން ބަގާން އާއި އަބަހާނީ އަށް ޕޮއިންޓެއް ނުލިބެ އެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެ ޓީމަކަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އޭރުން މާޒިޔާ ތިން ވަނަ އަށް ވެއްޓޭނެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަކޮށް ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ވަނަ ހާފުގައި ބެންގަލޫރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި މާޒިޔާ އާއި ބެންގަލޫރުން ވެސް ޕެނަލްޓީއަށް އެޕީލްކުރި އެވެ. މީގެ ތެރެއިން ބެންގަލޫރުން އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީއަކަށް އެޕީލްކޮށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އަލްބާޓް ރޮކާ ހިތްހަމަނުޖެހުމުން ފާޅުކުރުމުން ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.
މެޗު ފަށައިގެން ބެންގަލޫރުން ދިޔައީ މާޒިޔާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ. މާޒިޔާ އިން ކުޅުނީ ލިބޭ ބޯޅައިގައި އެޓޭކްކުރާ ގޮތަށެވެ. އަދި ބެންގަލޫރުގެ އެޓޭކްތައް ހުއްޓުވަން މާޒިޔާ އިން ދިޔައީ އޮގަނައިޒް ކުޅުމެއް ދައްކަމުންނެވެ.
މެޗުގެ ފަސް ވަނަ މިނިޓްގައި އަރިމަތިން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އެ ޓީމުގެ ފޯވާޑް އުދަންތާ ސިންގް ފޮނުވާލި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިިންނެވެ. އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކެއްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ބެންގަލޫރު ޑިފެންޑަރު ސަންދޭޝް ޖިންގަން ވަނީ ބޭރުކޮށްލައިފަ އެވެ.
ފުރަތަމަ ހާފްގައި ބެންގަލޫރުގެ ވާތް ފަޅިން ކުޅެމުން އައި ޗެތުރީ ހިފަހައްޓަން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބެންގަލޫރުގެ ގިނަ އެޓޭކް މި ހާފްގައި ކާމިޔާބުނުވީ ޗެތުރީ އަށް ލިބޭ ބޯޅަތަކުގެ ބޭނުން ރަނގަޅަށް ނުހިފުމުންނެވެ.
މެޗުގެ 27 ވަނަ މިނިޓްގައި މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އުމެއިރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާ ހާފްގެ ތެރެއިން މިލޮސް ކޮވަސެވިޗް މަތިން ހުސްކޮށްލާފައި އުމެއިރަށް ދިން ބޯޅަ ބެންގަލޫރު އޭރިއާ ތެރެއިން އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތެއްނުވި އެވެ. މިއީ މުޅި މެޗުގައި ވެސް މާޒިޔާ އަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތެވެ.
މި ހާފްގައި ގޯލާ އަމާޒުކޮށް އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އެވެ. މެޗުގެ 38 ވަނަ މިނިޓްގައި އޭރިއާ ބޭރު އާއްކޮ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ދަނިކޮށް ބެންގަލޫރުގެ ކީޕަރު އަމްރިންދަރު ސިންގް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފަށް މާޒިޔާ އިން ނުކުތީ ބަދަލަކާ އެކު އެވެ. މިލޮސްގެ ބަދަލުގައި ކުޅެން އެރީ ގާސިމް ސައްމާމް (ސައްމެ) އެވެ.
ދެ ވަނަ ހާފް ފަށައިގެން ވެސް ބެންގަލޫރުން ދިޔައީ މާޒިޔާ އަށް ނުރައްކާ ބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 51 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މާޒިޔާގެ ސައްމޭ ކައިރިން ނައްޓާލުމަށް ފަހު ބެންގަލޫރުގެ އުދަންތާ ނެގި ބޯޅަ އެ ޓީމުގެ އޮސްޓްރޭލިއާ މިޑްފީލްޑަރު ކެމެރަން ވެޓްސަން ފޮނުވާލުމުން މާޒިޔާ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.
އޭގެ ހަ މިނިޓް ފަހުން މާޒިޔާގެ އަމްދާން އަލީ (އެންޑީ) ކައިިރިން ނައްޓާލުމަށް ފަހު ބެންގަލޫރުގެ ފޯވާޑް ޑެނިއަލް ލަލިމްޕޫއާ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
މެޗުގެ 60 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ އާއްކޮގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އަރުވައިފަ އެވެ. ބޮކުރީ އެރުމާ އެކު ކައުންޓަ އެޓޭކުގައި މާޒިޔާ ކުޅުން ރަނގަޅު ކުރަން ފެށި އެވެ. އޭގެ ހަތް މިނިޓް ފަހުން ބެންގަލޫރު އޭރިއާ ތެރެއިން އަސަދުﷲ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އަސަދުﷲ ފޮނުވާލި ބޯޅަ ކީޕަރު އަމްރިންދަރު މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ގޯލަށް ފޮނުވާލަން އުމެއިރަށް ފުރުސަތު ލިބުނު ނަމަވެސް ބެންގަލޫރު ޑިފެންޑަރުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. މާޒިޔާގެ ބެންޗުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ދެކޮޅު ހެދި އެވެ.
މުޅި މެޗުގައި ވެސް ބެންގަލޫރަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޗެތުރީ އަށެވެ. އޭރިއާ ތެރެއިން ޖުގޮވިޗް ހުސްކޮށްލާފައި ޗެތުރީ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ އިތުރު ވަގުތުގައި މާޒިޔާ އޭރިއާ ތެރެއިން ބެންގަލޫރުގެ ފޯވާޑް އުދަންތާ އަށް ފައުލުކުރިކަމަށް ބުނެ އެޓީމުގެ ކޯޗު އަލްބާޓް ރޮކާ ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. ރެފްރީގެ ނިންމުމަށް ފާޑުކިޔުމުން، ކުރިން ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ރޮކާ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.
ބެންގަލޫރުން ލަނޑު ޖެހީ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ. މާޒިޔާ ހާފްގެ ތެރެއިން ލިބުނު ހިލޭ ޖެހުން ބެންގަލޫރުގެ ގޯލްކީޕަރު އޭރިއާ ތެރެއަށް ހުރަސްކުރުމުން އެ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި މާޒިޔާ ކީޕަރު ޕަވެލް މަޓިއަޝް އަތުން ދޫވީ އެވެ. ދެން އެ ބޯޅަ ލިބުނީ ބެންގަލޫރުގެ ސާބިއާ ފޯވާޑް މަރްޔާން ޖުގޮވިޗަށެވެ. އޭނާ މަތިން ފޮނުވާލި ބޯޅަ ޖޯންސަން ގޯލުގެ ތެރެއަށް ވައްދާލީ ގޯލު ރޮނގުމަތިން ބޮލުން ޖަހަ އެވެ.
މި ލަނޑާ އެކު ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެގޮތުން ދަނޑަށް އަރައި ކުޅުންތެރިންނާ އެކު އޮފިޝަލުން ވެސް ވަނީ އުފާފާޅުކޮށްފަ އެވެ.
މިއީ މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެ ޓީމު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން މާޒިޔާ ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.