މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ލިބުނު އާމްދަނީ 35 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ. 

ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ފްލާސްޓިކް ކޮތަޅު ފީ އިން ދައުލަތަށް ވަދެފައިވަނީ 5.9 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ޕްލާސްޓިކް ކޮތަޅުން 9.2 މިލިއަން ރުފިޔާ ވަދެފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅުތަކުން 2ރ. ގެ ފީއެއް ނަގަން ފެށީ އޭޕްރީލް 18 2023، ގަ އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު، ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ކޮތަޅަށް ވެސް މި ފީ އަންނަނީ ނަގަމުންނެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގަ އެވެ.

މި ފީ ނަގަން ފެށުމުން ފިހަރާތަކުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި އެހެން މެޓީރިއަލްތަކުގެ ބޭނުންކުރުން ވަނީ އިތުރުވެފަ އެވެ. އަދި ކޮތަޅުގައި ތަކެތި ގެންދަން ބޭނުންވާ މީހުންނަށް ހިލޭ ދޭ އެއްޗެއްގެ ބަދަލުގައި އެ ކޮތަޅު ވިއްކަނީ އެވެ. 

ޕްލާސްޓިކް ކޮތަޅުން އެންމެ ބޮޑު ފީއެއް ލިބިފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު 12.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ފީ ނަގަން ފެށި އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު ވަނީ ޕްލާސްޓިކް ކޮތަޅުގެ އާމްދަނީ 53 ޕަސެންޓް ދަށްވެފަ އެވެ. 

ވިޔަފާރިތަކުން ދޫކުރާ އަދި ވިއްކާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނަގަން ފެށި ނަމަވެސް މީރާ އަށް އެ ފައިސާ ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީ ދައްކާ ފަރާތްތަކުން އެކަނި ކަމަށް މީގެ ކުރިން އެ އިދާރާއިން ބުނެފައިވެ އެވެ.

ގާނޫނުގައިވާ ގޮތުން އެހެން ޖީއެސްޓީތައް ރަޖިސްޓަރީ ނުކުރާ ވިޔަފާރިތަކުން ވެސް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހެ އެވެ. އެކަމަކު، މީރާ އަށް އެ ވިޔަފާރިތަކުގެ ފީ ދެއްކުމުގެ ކަންކަން ބެލުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ނުވާ ކަމަށް މީރާއިން އޭރު ބުނެފައިވެ އެވެ. އެހެންވެ، ކޮތަޅުން ފީ ލިބޭ ވަރު ދަށްވަނީ ޖީއެސްޓީ ރަޖިސްޓާ ކޮށްފައިވާ ވިޔަފާރިތަކުން، ކޮތަޅު ވިއްކާ ވަރު ދައްވުމުންނެވެ.