ކޯޓު ހުރުމަތް ކެނޑި ކަމަށް ބުނެ މައުމޫން ފެކްޝަންގެ އެސްޖީ އަލީމް ކޯޓަށް ހާޒިރުކުރަނީ
ކޯޓު ހުރުމަތް ކެނޑި ކަމަށް ބުނެ މައުމޫން ފެކްޝަންގެ އެސްޖީ އަލީމް ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މާދަމާ ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އަލީމް ސިވިލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، އެ ކޯޓުން ކުރި ހުކުމާ ޚިލާފަށް ހަރަކާތްތައް ހިންގަމުންދާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކަމަށް ބެލެވޭތީ ކަމަށް ބުނެ އެވެ.

އެ ހުކުމަށް ތަބާ ނުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ވަކި ސުލޫކީ ކޮމެޓީއެއް ހަދައި، މެމްބަރުން ވަކިކުރި ކަމަށް ބުނެ ހަރަކާތްތައް ހިންގަމުން ދިއުމަކީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށް ބެލެވޭ ކަމަށް އަލީމަށް ކޯޓުން ފޮނުވި ޗިޓްގައި ވެ އެވެ.

ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ، ޕާޓީގެ ހުރިހާ ކޮންޓްރޯލެއް އޮތީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުގަ އެވެ.

އެކަމަކު އެ ހުކުމް މައުމޫން ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ. އެހެންވެ، އެ ފެކްޝަނުން ދަނީ ވަކި ކައުންސިލަކާއި ވަކި ސުލޫކީ ކޮމެޓީއެއް އިއުލާންކޮށް، ނިންމުންތައް ނިންމަމުންނެވެ. އެ ފެކްޝަންގެ ސުލޫކީ ކޮމެޓީން ދާދި ފަހުން ވަނީ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ޕާޓީން ވަކިކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

ގާނޫނީ ގޮތުން ޕީޕީއެމްގެ ރަަސްމީ ނިންމުންތައް ނިންމާ، ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ވަނީ މައުމޫން ވެސް ޕާޓީން ވަކިކުރަން ނިންމައިފަ އެވެ.