ރާއްޖޭގެ ރަށްރަށުގެ ވަލުތެރޭ މި ގަސް ހެދި މާ އަޅައި ފޮޅި ފީވެގެން ދާން ދޫކޮށްލާފައި ހުންނަތާ ކިތަންމެ ޒަމާނެކެވެ. މީގެ ރީތިކަމުން ބައެއް މީހުން ބަގީޗާގައި މި ހައްދައި އުޅުނަސް މީގެ ސިއްހީ ފައިދާގެ ވާހަކައާ އެކު މި "ނަންރީތި" މަލަކީ މިހާރު އެކި ގައުމުތަކުގެ އިތުރުން މި ރާއްޖޭގައި ވެސް "ނަން މަޝްހޫރު" މަލަކަށް ވެއްޖެ އެވެ.
މީގެ ދެތިން މަސްދުވަސް ކުރިން ފުވައްމުލަކަށް ކުރި ދަތުރެއްގައި ވެސް ފެނުނީ އެ ރަށުގެ ކޮންމެ ގެއެއްގައިހެން، ގޭގެ ފާރުމައްޗަށް ނުވަތަ ދޮރާށި މައްޗަށް، ވެލަކަށް ހެދޭ މި ގަސް އަރުވާފައި އޮންނާތީ އެވެ. އާންމުކޮށް މި ގަހުގައި އަޅަނީ ގަދަ ނުލާއި ހުދު ކުލައިގެ މަލެކެވެ. ފުވައްމުލަކުހެން ރާއްޖޭގެ އެހެން ވަރަށް ގިނަ ރަށްރަށުގައި ވެސް މިއީ މިހާރު އެންމެ ގިނައިން "ފޮޅުވާ" މަލެވެ.
ރީތި މަލެއް އަޅާތީ ބަގީޗާ ގަހެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މި ގަސް ހައްދާ އުޅުނަސް، މިހާރު މި ގަސް ހައްދަނީ ރީތިވެގެން އެކަންޏެއް ނޫނެވެ. މި ގަސް ހެއްދުމުގެ ފޯރިގަދަވީ މި ގަހުގައި އަޅާ "ނަންރީތިމަލު"ގެ ސިއްހީ ފައިދާ ބޮޑުކަން އެނގުމުންނެވެ.
ސިއްހީ މާހިރުން ބުނެފައިވާ ގޮތުގައި، ބަރުދަން ލުއިކުރުމަށާއި ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަށާއި ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް މި މަލަކީ ރަނގަޅު އެއްޗެކެވެ.

ނަންރީތިމާ: މި މަލުގެ ސިއްހީ ފައިދާތައް ވަރަށް ގިނަ.
ގިނަ ބަޔަކު މި މަލަށް "ނަންރީތިމާ" ކިޔަސް، ރާއްޖޭގެ އެކި ހިސާބުތަކުގައި މި މަލަށް ކިޔާ އުޅޭ ނަން ވެސް ތަފާތެވެ.
"ކަންފަތްމާ"، "ފިޔަނޫމާ"، "ނޫމާ"، "ފިޔަރީތިމާ" އަދި "ކާމާ" ވެސް މީހުން މިއަށް ކިޔައި އުޅެ އެވެ.
އިނގިރޭސި ބަހުން "ބަޓަފްލައި ޕީ" ކިޔާ މި ވެލުގައި އަޅާ މި މާ ގިނަ ބަޔަކު ބޭނުންކުރަނީ ސައިގެ ގޮތުގައި ތައްޔާރުކޮށްގެންނެވެ. މި މަލުން ނުކުންނަ ކުލަ (ޑައި) ބޭނުންކޮށްގެން ކާތަކެތި ވެސް ތައްޔާރު ކުރެ އެވެ. އަދި މި މަލުގެ ރީތިކަމުގެ ސަބަބުން ކަލިނަރީ އާޓްސްއަށް ވެސް ވަރަށް ގިނައިން ބޭނުން ކުރެ އެވެ.
މި މަލުގެ ފިޔާތޮއްޓާއި ހުދާއި ރަތާއި ރީނދޫ ކުލަ ވެސް ހުރެ އެވެ. ރާއްޖެއިން އާންމުކޮށް ފެންނަނީ ގަދަ ނުލާއި ހުދު ކުލައިގެ މަލެވެ. މި މާ ހުންނަނީ ފަޅި މަލެއްގެ ސިފައިގައި މަލުގެ އެއް އަރިމަތި ހުންނަ ގޮތަށެވެ. އަދި ބޭރުން ގޮއްޓެއް ލެވި، ކަރުގަނޑުގައި އިތުރު ތިން ބަރި ފިޔަ ލައިފަ އެވެ.

ނަންރީތިމަލުގެ އެކި ކުލަތައް: ރާއްޖެއިން އާންމުކޮށް ފެންނަނީ ގަދަ ނުލައި ހުދު ކުލައިގެ މާ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި މަލަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ގައުމުތަކުގައި މިހާރު މިއީ ވަރަށް ބޮޑު ވިޔަފާރިއެކެވެ.
މިދިޔަ ހަފުތާގައިބީބީސީން ގެނެސްދިން ރިޕޯޓެއްގައިބުނީ މި މާ އެންމެ ގިނައިން ހައްދާ އަދި ބޭނުންކުރަނީ ތައިލެންޑާއި އިންޑޮނޭޝިއާގައި ކަމަށެވެ. ނަމަވެސް، މިހާރު މި މަލަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އިންޑިއާގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން ވެސް މި މަލަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ނަންރީތިމަލާއި ސައިމާ ކަހަލަ، ކާބޯތަކެތީގައި ކުލަ ޖެއްސުމަށް ބޭނުންކުރާ ގުދުރަތީ މާއްދާތަކަށް އޮންނަ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް، އެ ތަކެތި އެންމެ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރާ ކުރާ އިންޑިއާގެ "ޓީއެޗްއެކްސް އިމްޕެކްސް"ގެ ވެރިޔާ ވެސް ބީބީސީއަށް ވިދާޅުވި އެވެ.
މި މަލާ ގުޅޭ ބައެއް މުހިންމު މައުލޫމާތު
- 2021: އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ނަންރީތިމާ ކާބޯތަކެތީގެ އެޑިޓިވްއެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދިން
- 2022: ޔޫރަޕްގެ ފުޑް ސޭފްޓީ އޮތޯރިޓީ (އީއެފްއެސްއޭ) އިން ނަންރީތިމާ ބޭނުންކުރުމާ މެދު ރައްކާތެރިކަމުގެ ކަންބޮޑުވުންތަކެއް ފާޅުކުރި
- ޔޫރަޕާއި އިނގިރޭސިވިލާތް: އެ ގައުމުތަކުގައި މިއީ އަދިވެސް "ނޮވެލް ފުޑް" ނުވަތަ އަލަށް ތައާރަފުވާ ކާނާއެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް ހުއްދަ ބޭނުންވާ އެއްޗެއް
ބީބީސީގެ ރިޕޯޓުގައި ބުނީ އިންޑިއާގައި މި ގަހަކީ އަދިވެސް ބަގީޗާ ގަހެއް ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ބަލާ އެއްޗެއް ކަމަށެވެ. މި ގަހަށް ވަކި ހާއްސަ މާކެޓެއް ނުވަތަ ސަރުކާރުގެ ކްލެސިފިކޭޝަނެއް އަދި އަގު ކަނޑައެޅޭނެ ނިޒާމެއް ނެތުމުން މި ގަސް ހައްދައިގެން މާ ބޮޑު ފައިދާއެއް ހޯދޭނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް އަދި ނެތް ކަމަށް ބުންޏެވެ.
އެހެންވެ، "ޓީއެޗްއެކްސް އިމްޕެކްސް" އިން އިސްނަގައިގެން އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ދަނޑުވެރިންނާ ގުޅިގެން، މި ގަސް ހެއްދުމަށް ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކާއި އާ އުކުޅުތައް ދަސްކޮށްދީ، މިންގަނޑުތައް ހިފެހެއްޓުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސިއްހީ ފައިދާތައް
- އެންޓިއޮކްސިޑެންޓުން މުއްސަނދިވުން: މި މަލުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް (ހާއްސަކޮށް އެންތޯސިއަނިން)ހިމެނޭތީ، ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
- ސިކުނޑީގެ ދުޅަހެޔޮކަން: އިންޑިއާގެ އަޔުރްވޭދާ ބޭސްވެރިކަމުގައި މިއީ ހަނދާން ގަދަކުރުމަށާއި ކަންބޮޑުވުން (އެންޒައިޓީ) ކުޑަކުރުމަށް ބޭނުންކުރާ "ބްރެއިން ހާބް"އެއް
- ލޮލުގެ ފެނުން ރަނގަޅުކުރުން: ލޮލުގެ ނާރުތަކަށް ލޭ ދައުރުވުން އިތުރުކޮށްދީ، ލޮލުގެ ފެނުން ސާފުކުރުމަށް އެހީވޭ
- ހަމާއި އިސްތަށިގަނޑު: ކޮލަޖަން އުފެއްދުމަށް ބާރުއަޅާތީ، ހަންގަނޑު އޮމާން ކޮށްދޭ. އަދި އިސްތަށިގަނޑު ވަރުގަދަކޮށްދީ، ނުރަވުން މަދުކޮށްދޭ
- ހަކުރު ކޮންޓްރޯލްކުރުން: ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ
ކާބޯތަކެތީގައި ބޭނުންކުރާ ގޮތް
- ނޫ ސައި: ހިއްކާފައި ހުންނަ މާ ފެނަށް އަޅައިގެން ތައްޔާރުކުރާ މި ސަޔަކީ ކެފެއިން ނުހިމެނޭ ދުޅަހެޔޮ ބުއިމެއް
- ކުލަ ބަދަލުވުން: މި ސަޔަށް ލުނބޯ ހުތް ފަދަ އެސިޑިކް އެއްޗެއް އެޅުމުން، އޭގެ ކުލަ ނޫކުލައިން ދަނބުކުލައަށް ބަދަލުވޭ
- ގުދުރަތީ ކުލަ: ކޭކު، އައިސްކްރީމް، ބަތް އަދި އެކި ކަހަލަ ފޮނިކާތަކެތީގައި އާޓިފިޝަލް ކުލައިގެ ބަދަލުގައި ގުދުރަތީ ނޫކުލަ ޖެއްސުމަށް ބޭނުންކުރޭ
ބީބީސީގެ ރިޕޯޓުގައިވާ ގޮތުގައި، ކެއިންބުއިމަށް މި މާ ބޭނުންކުރުމާ ގުޅޭ ދިރާސާތައް އަދި މަދުވުމުން މި މާ ބޭނުންކުރުމުގައި ސަމާލުވާން ޖެހެ އެވެ.

ނަންރީތިމަލުން ތައްޔާރުކޮށްފައިވާ ސައިތައްޓެއް: މީގެ ސިއްހީ ފައިދާތައް ވަރަށް ގިނަ.
ޗެންނާއިގެ ސްރީ ރާމަޗަރަން އިންސްޓިޓިއުޓް އޮފް ހަޔަ އެޑިއުކޭޝަން އެންޑް ރިސާޗުގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ވީ ސުޕްރިޔާ ބީބީސީއަށް ވިދާޅުވި ގޮތުގައި، މި މަލުގެ ސިއްހީ ފައިދާތައް ގިނަކަން އެނގުނަސް، މި މަލާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާތައް އަދި ވަރަށް މަދެވެ. މި މަލާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ ގިނަ ހޯދުންތަކަކީ މީދާ ފަދަ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ތަހުލީލުތަކެއް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރިޔާ ވަނީ ހަކުރުބަލީގެ ކުރީކޮޅުގައި ތިބި (ޕްރީ-ޑައިބެޓިކް) މީހުން ބޭނުންކޮށްގެން ކުޑަ ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާއިން ފާހަގަކުރެވުނީ، ނަންރީތިމަލުގެ ސައި ބޭނުންކުރި މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު، އެ ސައި ނުބޯ މީހުންނަށް ވުރެ ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ކަމެވެ.
"ނަންރީތިމަލަކީ މީގެ ކުރިން ވަރަށް ބޮޑަށް އަޅާނުލެވި އޮތް އެއްޗެއް. ނަމަވެސް، މިހާރު ލިބެމުން އަންނަ ހެކިތަކާ އެކު، ހާއްސަކޮށް އިންސާނުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުގެ އަލީގައި، އޭގެ ސިއްހީ ފައިދާތަކުގެ ސަބަބުން މިއީ ވަރަށް މަގުބޫލު އެއްޗަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ސަމާލުވާން ޖެހޭ ކަންކަން
ނަންރީތިމާ އަޅާ ގަހަކީ ހޫނު މޫސުމުގައި ރަނގަޅަށް ހެދޭ ގަހެކެވެ. ދުވާލަކު މަދުވެގެން 6-8 ގަޑިއިރުގެ އަވި އެ ގަހަށް ބޭނުންވެ އެވެ. ބިންގަނޑު މާބޮޑަށް ތެތްކޮށް ބޭއްވުމަކީ މޫ ފީވުމަށް މެދުވެރިވާ ކަމަކަށް ވާތީ، ބިންގަނޑުގެ މަތީ ފަށަލަ ހިކުމުން ނޫނީ އެ ގަހަށް ފެން ނުޖަހާށެވެ.

ނަންރީތިމާ ގަހުގައި ހުންނައިރު ހުންނަ ގޮތާއި ގަހުން ބިނުމުން ހުންނަ ގޮތް އަދި ހިއްކީމަ ހުންނަ ގޮތް: ސައިގެ ގޮތުގައި ބޯން ތައްޔާރުކުރަނީ މި މާ ހިއްކައިގެން، ހޫނު ފެނަށް އަޅައިގެން.
މި ގަހަކީ އަވަހަށް ފެތުރޭ ކަހަލަ ގަހަކަށް ވާތީ، ވެޔޮގަނޑު ފެތުރެން ޖާގަ އޮތް ރަނގަޅު ތަނެއްގައި ހެއްދުން މުހިންމެވެ. ގަހުގައި އަޅާ ފަނިފަކުސާއިން ސަލާމަތްވުމަށް ނީމް އޮއިލް ފަދަ ގުދުރަތީ ބޭސް ބޭނުންކުރެވިދާނެ އެވެ.
ކެއިންބުއިމަށް ބޭނުންކުރަން ވާނީ މި ގަހުގައި އަޅާ މާ އެކަންޏެވެ. މި ގަހުގެ އޮށާއި މުލަކީ ވިހަ މާއްދާތަކެއް އެކުލެވޭ ބައިތަކެކެވެ.
މާ ބޭނުންކުރުމުގެ ކުރިން އޭގެ ތިރީގައިވާ ފެހިކުލައިގެ ބައި ނައްޓާލަން ވާނެ އެވެ.
މިއީ ރަހިމަށް އަސަރު ފޯރުވާ އެއްޗަކަށް ވެދާނެތީ މާބަނޑު މީހުން މި މާ ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ކުޑަކުދިންނަށް ވެސް މި މަލުން ތައްޔާރުކުރާ ކާބޯތަކެތި ދިނުމުގެ ކުރިން ޑޮކްޓަރެއް ލަފާ ހޯދުމަށް އިރުޝާދު ދީފައިވެ އެވެ.