ހުޅުމާލެ ފަޅު ތެރޭގައި ފައިބަރުގެ މަސައްކަތްކުރުން އަންނަ އާދިއްތަ ދުވަހުގެ ކުރިން ހުއްޓާލަން އެޗްޑީސީން އަންގައިފި އެވެ.

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަޅުތެރޭގައި އަޅާފައި އޮންނަ އޮޑިދޯނި ފަހަރުގައި ފައިބަރު މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ތިމާވެއްޓާއި ފަޅުތެރެ ބޭނުންކުރާ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ އެ މަސައްކަތް ކުރުން އެ ކުންފުނިން ވަނީ މަނާކޮށްފަ އެވެ. 

އޭގެ އިތުރުން އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެކަން ކުރުމަށް ކަނޑައަޅާފައިވާ އެހެން ސަރަހައްދަކަށް މަސައްކަތް ބަދަލުކުރުމަށް ވަނީ އެދިފަ އެވެ.

"ދެންނެވުނު މުއްދަތުގެ ކުރިން މި މަސައްކަތް ހުއްޓާލާފައި ނުވާ ނަމަ މެރިން ޕޮލިސް އާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.