އީޖާޒް ޚާނަށް މުމްބާއީގައި އުޅެން ފަސޭހައެއް ނޫން
އީޖާޒް ޚާނަށް މުމްބާއީގައި އުޅެން ފަސޭހައެއް ނޫން

އެކި ދީންތަކާއި ނަސްލުތަކުގެ އެތައް މިލިޔަން ބަޔަކު ދިރިއުޅޭ އިންޑިއާގެ މުމްބާއީ އަކީ މުނިފޫހިފިލުވުމުގެ ވިޔަފާރީގެ މައި ސިޓީއަށް ވާތީ ގައުމުގެ އެކި ކަންކޮޅުތަކުގެ މީހުން އެތަނުގައި އުޅެ އެވެ.

ޓީވީ ތަރި އީޖާޒް ޚާނަކީ ވެސް އެކްޓިން ކެރިއަރު ބިނާކުރުމަށް ދުރު އަވަށަކުން މުމްބާއީ އަށް ހިޖުރަކޮށްފައިވާ މީހެކެވެ. މުސްލިމެއް ކަމަށްވާ އީޖާޒް އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނެފައި މުމްބާއީ އިން ވަރަށް ދަތި އުނދަގޫތައް ތަޖުރިބާކުރަން ޖެހިފައިވާ ކަމަށެވެ. ފާއިތުވި އަށެއްކަ މަސް ދުވަހުގެ ތެރޭގައި އޭނާއަށް ކުއްޔަށް ގެއެއް ވެސް ނުލިބުނު ކަމަށްވެ އެވެ.

ސޮނީން މި ހަފުތާގައި ފެށި އާ ސިލްސިލާ "ޔޭ މޯހް މޯހް ކޭ ދާގޭ" ގައި ލީޑް ރޯލު ކުޅޭ އީޖާޒް ބުނި ގޮތުގައި އޭނާ މިހާރު ދިރިއުޅޭ އެޕާޓްމަންޓުން އެހެން ތަނަކަށް ބަދަލުވާން ހުރީ ބޭނުންވެފަ އެވެ. އެޕާޓްމަންޓުގެ ވެރިމީހާ އެތަން ވިއްކާލަން އުޅޭތީ ކޮންމެހެން ވެސް ތަނެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށް ވެސް އީޖާޒް ބުންޏެވެ.

އީޖާޒް ބުނީ މުސްލިމުންގެ ސަރަހައްދުތަކުން އޭނާ އަށް ތަނެއް ކުއްޔަށް ދޭން އިންކާރުކުރަނީ އޭނާ ކުއްތާތަކެއް ގެންގުޅޭތީ ކަމަށެވެ. އަދި ހިންދޫންނާއި ކްރިސްޓިއަނުން އޭނާއަށް ގެ ކުއްޔަށް ދޭން ދެކޮޅުހަދަނީ މުސްލިމަކަށް ވާތީ ކަމަށް އީޖާޒް ބުންޏެވެ.