05 އެޕްރީލް 2017 - 06:32

ބައެއް ހާލަތުތަކުގައި އަންހެންކުދިން މާ އަވަހަށް ބާލިޣުވަނީ އެކުދިންނަށް ކުޑައިރު ލިބޭ ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފި އެވެ. މި ދިރާސާ ހެދުމަށް ޕެންސިލްވީނިޔާ ސްޓޭޓް ޔުނިވަސިޓީގެ ރިސާޗަރުން ވަނީ ކުޑައިރު ޖިންސީ އަނިޔާ ލިބިފައިވާ 84 އަންހެން ކުއްޖެއްގެ މައުލޫމާތާއި އެފަދަ އަނިޔާއެއް ނުލިބޭ 89 އަންހެން ކުދިންގެ މައުލޫމާތު ބޭނުންކޮށްފަ އެވެ.
ހޯދުންތަކުން އެނގުނީ ޖިންސީ އަނިޔާ ލިބިފައިވާ އަންހެންކުދިން ބާލިޣު ވެފައިވަނީ އަނިޔާ ނުލިބޭ ކުދިންނަށް ވުރެ 8-12 މަސް އަވަހަށް ކަމަށެވެ.
އެންމެ އަހަރަކީ ބޮޑު ތަފާތެއް ނޫންކަމަށް ގަބޫލު ކުރެވުނަސް ޖިންސީ އަނިޔާ ލިބޭ ކުދިންގެ ހަށިގަނޑުންނާއި މިޒާޖުން ވެސް މާ އަވަހަށް ހަރު މީހުންގެ ގޮތްގަނޑު ފެންނަން ފެށުމާއި އަވަހަށް ބާލިޣު ވުމާ ގުޅުންތަކެއް ހުރި ކަމަށް މި ދިރާސާ ލިޔުއްވި ޖެނީ ނޯލް ވިދާޅުވި އެވެ. އޭނާ އަކީ ޕެން ސްޓޭޓްގެ ޑައިރެކްޓަ އޮފް ދަ ޗައިލްޑް މެލްޓްރީޓްމަންޓް ސޮލިއުޝަންސް ނެޓްވާކްގެ ވަޒީފާގައި ހުރި ބޭފުޅެކެވެ.
އާންމުކޮށް ކުޑަކުދިންގެ ހަށިގަނޑަށާއި ނަފްސާނީ ކަންކަމަށް ބަދަލުތައް އަންނަނީ އެއް ކަމަކަށް ފަހު އަނެއް ކަމެކެވެ.
"ޖިންސީ އަނިޔާ ކަހަލަ ވަރަށް ބޮޑަށް ހިތްދަތިކަމާއި ކަންބޮޑުވުން ލިބޭ ހާލަތްތަކުގައި ސްޓްރެސް ހޯމޯންސް މާ ގިނައިން އުފެދުމުގެ ސަބަބުން ކުއްލިއަކަށް ބައޮލޮޖިކަލް ޓައިމްލައިންގެ ކުރިން ކުދިން ބާލިޣުވާން މެދުވެރިވޭ،" ނޯލްގެ ނިއުސް ރިލީޒެއްގައި ބުނެފައިވެ އެވެ.
ރިސާޗަރުންނަށް އިތުރަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބޭ ކުދިންގެ ހަށިގަނޑުގެ އެކި ހިސާބުގައި އިސްތަށި ފެށުމާއި ބޮޑު އަންހެނެއްގެ ޖިސްމާނީ ސިފަތައް ތަރައްގީވެ ފެންނަށް ފެށުން ވެސް އަނިޔާ ނުލިބޭ ކުދިންނަށް ވުރެ އެއް އަހަރު އަވަސްވެ އެވެ.
އަވަހަށް ބާލިޣުވުމަކީ، ކުދިންގެ އުމުރުން ދުވަސްވުމުން ސިއްހީ އެކި މައްސަލަތައް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކުރިމަތިވެ އެކަން މުޅި އުމުރަށް ދެމި ހުރުމަށް މެދުވެރިވާ ކަމަށް މި ދިރާސާ ކުރެއްވި ސައިންސްވެރިން ފާހަގަކުރައްވާފައިވެ އެވެ.
މާ ކުޑައިރު، ބޮޑު މީހެއްގެ ސިފަ ހަށިގަނޑަށް އައުމުން އެ ކުއްޖެއްގެ ހަށިގަނޑު އެސްޓްރޯޖަން އަށް ހުށަހެޅިފައިވާ މުއްދަތު އިތުރުވެ އޯވަރީ އާއި އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.
އަވަހަށް ބާލިޣުވުމަކީ ޑިޕްރެޝަންގެ މައްސަލަތަކާ ވެސް ކުރިމަތިވާ ކަމެކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ޖިންސީ ގޮތުން ނުރައްކާ ވެދާނެ ފަދަ ގޮތަކަށް އުޅުން ބައްޓަންވުމާއި ފުރާވަރުގައި ބަލިވެ އިނުން ފަދަ ކަންކަމަށް އޮންނަ ފުރުސަތު ބޮޑުވާ ކަމެކެވެ.
މި ދިރާސާ ފަރުމާކޮށްފައި ވަނީ އަންހެންކުދިން އަވަހަށް ބާލިޣުވުމަކީ ޖިންސީ އަނިޔާގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ސާބިތުކޮށްދޭކަށް ނޫން ކަމަށާއި ނަމަވެސް މި ދެ ކަންތަކުގައި ގުޅުންތަކެއް ވާކަން ދިރާސާއިން ދައްކާފައިވާ ކަމަށް ސައިންސްވެރިން ބުންޏެވެ.