ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އިއުލާނު ކުރި އިންޖިނިއަރިން ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި މި ފުރުސަތަކީ، ވިލާ ކޮލެޖުން ބުނި ގޮތުގައި، އެޓްމޮސްފިއާ ފައުންޑޭޝަނާ ގުޅިގެން އިންޖިނިއަރިންގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެ ފައުންޑޭޝަނާ އެކު ހުޅުވާލި ފުރުސަތެކެވެ. 

"އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމް"ގެ ނަމުގައި ހުޅުވާލި މި ފުރުސަތުގައި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ހަރަދުތަކެއް ސްކޮލަޝިޕުން ކަވާ ކުރާނެ އެވެ. މި ސްކޮލަޝިޕް ފުރުސަތު ޖުމްލަ ތިން ދަރިވަރަކަށް ދިނުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރެއިން ދެ ފުރުސަތު ދޭނީ ފައުންޑޭޝަން އިން އިންޖިނިއަރިން ކިޔެވުމަށެވެ. އަދި މި ސްކީމުން ވިލާ ކޮލެޖުގެ އިންޖިނިއަރިން ޑިގްރީ ޕްރޮގުރާމު، ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން ކިޔަވަން އެއް ދަރިވަރަކަށް ފުރަސަތު ދޭނެ އެވެ. 

މި ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ ދިވެހިންނަށެވެ. އަދި ސްކޮލަޝިޕަށް ލާ ފަރާތްތަކަކީ މި ސްކީމުގައި ހިމަނާފައިވާ ދެ ކޯހުގެ ތެރެއިން ކިޔަވަން ބޭނުންވާ ކޯހުގެ ޝަރުތުތައް ހަމަވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. އަދި އެ ފަރާތަކީ މަތީ ތައުލީމު ދޭ އެހެން މަރުކަޒެއްގައި މިވަގުތު ކިޔަވަމުންދާ ދަރިވަރަކަށް ވެގެން ނުވާނެ އެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުން ގޭބިސީގެ އާމްދަނީ އާއި ހަރަދުތައް
ހާމަކޮށްދީ މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން
ސާބިތުކޮށްދޭން ޖެހޭނެ އެވެ. އަދި އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަން ހުރިކަން ވެސް ސާބިތުކޮށްދޭން ޖެހޭނެ އެވެ. 

މި ސްކޮލަޝިޕަށް ދަރިވަރުން ހޮވާނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން ގުޅިގެން އެކުލަވާލާ ކޮމިޓީއަކުންނެވެ. ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލާނެ މިންގަނޑުތަކަކީ:

  • ތައުލީމީ ނަތީޖާ (40 ޕޮއިންޓް): މި ދާއިރާއިން ޕޮއިންޓު ދިނުމުގައި ބަލާނީ އޯ ލެވެލް ނުވަތަ އޭ ލެވެލް
    ފަދަ އިމްތިހާނުތަކުގެ ނަތީޖާއަށެވެ. ހާއްސަކޮށް ހިސާބު އަދި ސައިންސްގެ މާއްދާތަކުން ހޯދާފައިވާ ނަތީޖާއަށް ބަލާނެ އެވެ. 

  • މާލީ ހާލަތު (40 ޕޮއިންޓް): މި ދާއިރާއިން ޕޮއިންޓު ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ އާމްދަނީ އާއި ހަރަދުގެ
    ލިޔެކިޔުންތަކަށެވެ.
  • ޕާސަނަލް ސްޓޭޓްމަންޓް (20 ޕޮއިންޓް): މި ދާއިރާއިން ޕޮއިންޓު ދިނުމުގައި ބަލާނީ އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން ހުރި މިންވަރާއި ދާއިރާގެ މައުލޫމާތު އެނގޭ މިންވަރާއި،
    ލީޑާޝިޕް ހުނަރުގެ އިތުރުން މުސްތަގުބަލުގެ ލަނޑުދަނޑިތައް ބަޔާންކޮށްދޭ
    މިންވަރަށެވެ. 

އިންޖިނިއަރިން ސްކޮލަޝިޕްގެ ފުރުސަތަށް އެދި ހުށައަޅާއިރު ފުރިހަމަކޮށްފައިވާ ސްކޮލަޝިޕް ފޯމާއި އެ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ އަދި ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޝަންތަކުގެ ކޮޕީ އާއި މާލީ ހާލަތު އަންގައިދިނުމަށް ގޭގެ އާމްދަނީ އާއި ހަރަދުގެ ބަޔާނަކާއި ޕާސަނަލް ސްޓޭޓްމަންޓެއް ހުށަހަޅަން ޖެހޭނެ އެވެ. 

މި ސްކޮލަޝިޕަށް އެދި ހުށައެޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު 

[email protected] އިން އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.