ކަނޑުމަތީގައި މަރުވެފައި އޮއްވައި ރ. ކިނޮޅަހު ބޭރުން ފެނުނީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މި މަހު 4 ވަނަ ދުވަހެވެ.
އޭރު ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުން އޭނާގެ ޖިންސް ވެސް ދެނެނުގަނެވޭ ކަމަށެވެ. އެކަމަކު ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީހުން ލަފާކުރި ގޮތުގައި އެއީ މިދިޔަ މަހު އއ. އުކުޅަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޓޫރިސްޓުގެ ހަށިގަނޑު ކަމަށް ވެދާނެ އެވެ. އެކަމަކު ފުލުހުން ބުނީ އެއީ ރަޝިއާގެ ޓޫރިސްޓް ނޫން ކަމަށެވެ.
"ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން ޑިސެމްބަރު 21، 2025ގައި ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑު ނޫންކަން ވަނީ ޔަގީންކުރެވިފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.