ރާއްޖޭގެ ޕާސްޕޯޓް،ހެންލީ ޕާސްޕޯޓް އިންޑެކްސްގައި އެއް ދަރަޖަ ކުރިއަށް ޖެހިލައި ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ހިމެނިއްޖެ އެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސްގައި 199 ޕާސްޕޯޓުގެ ތެރެއިން ރާއްޖެ ހިމެނެނީ 52 ވަނައިގަ އެވެ. އެއީ ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވޭ ޕާސްޕޯޓެއްގެ ގޮތުގަ އެވެ.  

އެ ލިސްޓުގައި މިދިޔަ އަހަރު ރާއްޖެ އޮތީ 53 ވަނައިގަ އެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ފަރަގެކެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެން އެންމެ ކުރީގައި އޮތް އިންޑިއާ އޮތީ ލިސްޓުގައި ހިމެނޭ 101 ގައުމުގެ ތެރެއިން 80 ވަނައިގަ އެވެ. އެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ތިންވަނައިގައި އޮތް ބޫޓާންގެ ޕާސްޕޯޓުގައި 50 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ. އެއީ 85 ވަނައިގައި ހިމެނިގެންނެވެ. ލަންކާ ހިމެނެނީ އޭގެ ފަހަތުންނެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 39 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ މައުލޫމާތުތަކަށް ބިނާކޮށްގެން ހަދާ އެ ލިސްޓުގެ އެންމެ ފަހަތުގައި، 101 ވަނައިގައި އޮތް އަފްޣާނިސްތާނުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދެވެނީ 24 ގައުމަކަށެވެ. 

އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު މި ފަހަރު ވެސް ދަމަހައްޓާފައިވަނީ 192 ގައުމަކުން އޮންއެރައިވަލް ވިސާ ލިބޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ޖަޕާނާއި ސައުތު ކޮރެއާ ދެ ވަނައިގައި ހިމެނޭއިރު ތިން ވަނަ ލިބިފައިވަނީ ޔޫރަޕްގެ ފަސް ގައުމަކަށެވެ.